ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތަކަށް ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ނެރުނު އިއުލާނެއްގައެވެ. މިނިސްޓްރީން ކުރިން ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް އާންމުކޮށްފައިވާއިރު، މިހާރު އެންމެ ފަހުގެ މުއްދަތެއްގެ ގޮތުގައި މި މަހުގެ 16 ވަނަ ދުވަސް ކަނޑައަޅާފައިވެއެވެ.
މިނިސްޓްރީގެ އެންގުމުގައިވާ ގޮތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ވަގުތީގޮތުން ހުއްޓުވައި، އައު ހުއްދަތައް ދޫކުރުން މަޑުޖައްސާލެވޭނެއެވެ. އެހެންނަމަވެސް، ވަޒީފާދޭ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ، ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އެންމެ ފަހުން ފައިސާ ދެއްކުމުގެ ފަހުގެ ތާރީހަކަށް މިނިސްޓްރީން ބުނެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކަށް އެ ފައިސާ ދައްކަން ދިން މުއްދަތު ދެން ހަމަވާނީ މި މަހުގެ 16 އަށް ކަމަށެވެ. މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެކަމަށްވެސް މިނިސްޓްރީން އަންގާފައިވެއެވެ. މި ނިންމުމަކީ ބިދޭސީ މުވައްޒަފުން ގެންގުޅޭ ކުންފުނިތަކަށް އިތުރު ލުޔެއް ދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ.



