ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން ފާހަގަކުރައްވައި، އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.
މީގެއިތުރުން، އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވާކަމަށާއި، އިންޑޮނޭޝިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އަބަދުވެސް ލިބެމުންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ޤާއިމުކުރެވުނީ 1974 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް އައިއިރު، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ގިނަގުނަ ދާއިރާތަކަކުން ކުރިއަރައި ވަރުގަދަވެފައެވެ.



