ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކުރައްވައި، އެކަން ގްރާފުތަކެއް މެދުވެރިކޮށް, އެމްޕީއެލްގެ އެމްޑީ މުޙައްމަދު ވަޖީހު ދައްކުވައިދީފިއެވެ. ވަޖީހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަކަމާއި، މިކަން އަންދާޒާކުރެވެނީ އެތެރެކުރާ މުދަލުގެ އަދަދުންނެވެ.
ވަޖީހު ހާމަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ވަނީ ތާރީޚުގައި ނުދެކޭފަދަ މިންވަރަކަށް އިތުރުވެފައެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ދެ ގްރާފެއް މެދުވެރިކޮށް، އަހަރުތަކުގެ އެވްރެޖް މަހެއްގެ މައްޗަށް އެތެރެކުރެވޭ މުދަލުގެ މިންވަރު އެނގޭ ގޮތަށެވެ.
ވަޖީހު ވިދާޅުވިއެވެ "މީގެ ކުރިން، ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެ އަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރު. އެހެން ކަމުން ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް ވަޒަން ކޮށްލުމަށްޓަކައި، އެ ދެ ގުރާފުން ދައްކައި ދީފައިވަނީ، 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް އެވުރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެއަށް، ޖެނެރަލް ކާގޯ އާއި، ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު."

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒުގެ ވެރިކަން ފެށުމާއެކު ރާއްޖޭގެ އިޤްތިޞާދު ކުރިއަރަން ފަށައިފިއެވެ. އަދި ސަރުކާރުގެ އައު ޕްރޮޖެކްޓްތައް ފެށުމުން އިޤްތިޞާދު އިތުރަށް ކުރިއަރާނެ ކަމަށާއި، ރައްޔިތުންގެ ފުދުންތެރިކަން ބޮޑުތަން އިތުރުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޢުލޫމާތުތަކުން ދޭހަވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަކަމާއި، ކުރިއަށް އޮތް ތަނުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެކަމުގެ އުންމީދު ބޮޑުކަމެވެ.



