ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ދެ މުހިންމު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ރައީސް ވިދާޅުވެއްޖެއެވެ. މި ދެ ބައްދަލުވުމަކީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާއި އަދި ގެދޮރުވެރިކަމާ ބެހޭ އެކިއެކި ޔޫނިއަންތަކާއެކު ބޭއްވޭ ބައްދަލުވުންތަކެވެ.
“ހަގީގަތުގައި ބޮޑު ކަންނެލި މަސްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުން. އެހެންވީމަ މިއަދުގެ ބައްދަވުމުގައި މަޝްވަރާކުރެވޭ ކަންތައްތަކުގެ އިންތިޒާރުގައި މި ހުރީ. އިރާދަކުރެއްވިއްޔާ ސަރުކާރުގެ އަމާޒަކަށް ވަނީ އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް ކޮންމެ އިންޑަސްޓްރީއެއްގައި ވެސް މަސައްކަތް ކުރާ ބޭފުޅުންގެ އަޑު އަހައިގެން ކަންތައްތައް ބައްޓަން ކުރުން." ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިކަމާ ބެހޭ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓީ ޒަންސް އެސޯސިއޭޝަން، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލެ ރަށްވެހިންގެ ޖަމިއްޔާ ހިމެނެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ގެދޮރުވެރިކަމުގެ ދާއިރާގައި ސަރުކާރުން މިހާރު ކުރިއަށްގެންދާ އަދި ކުރިއަށް އޮތް ތަނުގައި ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން އެ ޔޫނިއަންތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
ރައީސް އޮފީހުން ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.



