އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް މައްޗަށް ކުރި ހޯދައި ރެއާލް މެޑްރިޑް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. 2-0 އިން މޮޅުވި މި މެޗުގައި ރެއާލުގެ ދެ ގޯލުވެސް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމާއި އަލަށް ގުޅުނު ފުރާންސުގެ ތަރި ކިލިއަން އެމްބާޕޭއެވެ.

ރެއާލުން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލީގުގައި ފާއިތުވި ތިން މެޗުގައިވެސް އެމްބާޕޭއަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވާތީ ސަޕޯޓަރުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ. މި ދެ ގޯލާއެކު ސަޕޯޓަރުންނަށް އުންމީދު އާވި ނަމަވެސް އަންޗެލޮޓީގެ ރެއާލަށް މި ސީޒަނުގައި އަދި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލީގުގައި މިހާތަނަށް 4 މެޗު ކުޅެފައިވާއިރު ރެއާލަށް ކާމިޔާބު ކުރެވުނީ 2 މެޗެވެ. އަނެއް ދެ މެޗު ވީ އެއްވަރެވެ.
ރެއާލާއި އެންމެ ވާދަވެރި ކުލަބު، ބާސެލޯނާއިން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ވަލަޑޮލިޑް ކޮޅަށް 7 ގޯލު ޖަހައި އެމީހުންގެ ޖާދޫ ދައްކުވާލާފައެވެ.



