ސްޕޯޓްސް ކާރެއް ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި އެކާރު ދުއްވަން އިން މީހާ ފުލުހުންގެ ތަހުގީގުގައި ވެފައިވާ ބޮޑެތި އިހުމާލުގެ ސަބަބުން ދޫކޮށްލާފައި ވާތީވެ، އޭނާ އަލުން ބަންދު ކުރުމަށް ހޯމްމިނިސްޓްރީން މަސައްކަތް ފަށައިފިއެވެ.
ހުޅުމާލޭ ފޭސް 2 ގައި މިދިޔަ ޖުލައި 31 ވަނަ ދުވަހު ހނގި އެކްސިޑެންޓުގައި ކާރުދުއްވަން އިން އިބްރާހީމް އިކްރާމް ހައިކޯޓުން ދޫކޮށްލަމުން ބުނެފައި ވެއެވެ. "މި މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާގޮތުގައި ނަތީޖާއަކީ ވަކީލަކާއެކު ބަންދުގެ މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު އިސްތިއުނާފް ކުރާ ފަަރާތަށް ގެއްލިގެން ދިއުމެވެ. އަދި ވަކީލަކާއެކު ބަންދުގެ މަޖިލީސް ކުރިއަަށް ގެންދިއުމަށް އެެދިފައިވާކަން ފަނޑިޔާރަށް ވަންހަނާވުމެވެ،".
މިކަމާއި ގުޅިގެން ހޯމް މިނިސްޓަރ ކުރެއްވި އެކްސްގައި ވިދާޅުވެފައިވަނީ މިކަން ހިނގިގޮތް ތަހުޤީގުކޮށް އިހުމާލެއް ވެވިފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި ދޫކޮށްލެވުނު މީހާ ކޯޓު އަމުރުގެ ދަށުން އަލުން ހައްޔަރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
މިހާދިސާއަށްފަހު އިކްރާމް ފިލައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. އޭނާ ހައްޔަރުކުރެވުނީ ހާދިސާއާ ގުޅޭ ހެކި ނައްތާލުމުގެ އިހްތިމާލާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމާއި، އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތުމުގެ ސަބަބުންނެވެ.
ކާރު ކޮންޓުރޯލުން ނެއްޓި ސައިކަލްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާ ވިއްސައިގެން ގޮސް މައްޗަށް އަރައި އެނބުރެމުން ވެއްޓުނު މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ. މީގެ އިތުރުން، ސައިކަލުގެ ބައިތައް އެކި ދިމަދިމާލަށް ބުރައިގެން ދިޔަކަން ފާހަގަވެއެވެ. އޭނާއަށް ބޮޑެތި އަނިޔާތައް ލިބުނުއިރު ޞިއްޙީ ހާލަތު މިހާރު ވަނީ ސްޓޭބަލް ވެފައެވެ.



