ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޞްދީޤުކުރައްވައިފިއެވެ. މި އިޞްލާޙުގެ ދަށުން، ރާއްޖެއަށް ގެނެވޭ ބިދޭސީ މަސައްކަތްތެރިންގެ އަދަދު ކަނޑައެޅުމުގެ ބާރު ކަމާބެހޭ ވުޒާރާއަކަށް ލިބިގެންދާނެއެވެ.
ކުރިން ޢަމަލުކުރަމުން އައި ގޮތުން، އެއް ޤައުމަކުން ގެނެވޭނީ ގިނަވެގެން އެއް ލައްކަ މީހުންނެވެ. ނަމަވެސް، މި އައު އިޞްލާޙުގެ ދަށުން، ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަކި ޤަވާޢިދެއްގެ ދަށުންނެވެ.
މި ކަނޑައެޅުމުގައި އެކި ސިނާޢަތްތަކާއި، މަސައްކަތުގެ ބާވަތް، އަދި ބޭނުންވާ ހުނަރުގެ މިންވަރަށް ރިޢާޔަތްކުރެވޭނެއެވެ. އަދި މިފަދަ ނިންމުންތައް ނިންމަންވާނީ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަނެ، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ. އެގޮތުން. މިހާރު މި މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއާއެވެ.
ބިދޭސީން ރާއްޖެއަށް ގެނައުމުގައި ރިއާޔަތްކުރަންޖެހޭ މުހިންމު ނުކުތާތައް:
- ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ސިނާޢަތްތައް، ވިޔަފާރިތައް އަދި ފަންނުތައް ކުރިއެރުވުމަށް ބޭނުންވާ މުހިންމު މަޤާމުތަކަށް ދިވެހިން ލިބެން ނެތުން ނުވަތަ އެކަށީގެންވާ މިންވަރަށް ނުލިބުން.
- ވަކި ދާއިރާއަކުން ދިވެހި މަސައްކަތްތެރިން ނުލިބުމުގެ ސަބަބުން ނުވަތަ މަދުވުމުގެ ސަބަބުން އެ ދާއިރާގެ ތަރައްޤީއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް.
- ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުން ޤައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތަކާއި އޭގެ މިންވަރު.
ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގައިވާ ގޮތުން:
- ވަޒީފާދޭ ފަރާތްތަކުން ބިދޭސީން މަސައްކަތްކުރާނެ ވަރކް ސައިޓް ރަޖިސްޓަރީކޮށް، ކަމާގުޅޭ ހުއްދަތަކާއި ކޯޓާ ހޯދަންޖެހޭނެއެވެ.
- ބިދޭސީ މުވައްޒަފެއްގެ ވަޒީފާދޭ ފަރާތް ނުވަތަ ވަޒީފާ އަދާކުރާ ސައިޓް ބަދަލުކުރެވޭނީ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ޤަވާޢިދެއްގެ ދަށުންނެވެ.
މީގެއިތުރުން، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ބަލައި ފާސްކުރާ އިންސްޕެކްޓަރުންނަށް ލިބިގެންވާ ބާރުތައްވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން:
- އިންސްޕެކްޓަރުންނަށް ނޯޓިސް ދިނުމަކާ ނުލައި ވަރކް ސައިޓަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވެއެވެ.
- ނަމަވެސް، މީހުން ދިރިއުޅޭ ތަނެއްނަމަ އެތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދަންޖެހޭނެކަމަށް ޤާނޫނަށް ގެނެވުނު އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙުގެ ދަށުން، ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާ ގުޅޭގޮތުން އަންނަނިވި ފިޔަވަޅުތައް އެޅުމުގެ ބާރު، އެއިރެއްގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއަކަށް ލިބިގެންވެއެވެ:
1. ޤަވާޢިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުން
2. ވަރކް ސައިޓް ބަންދުކުރުން
3. އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން
4. ޖޫރިމަނާކުރުން
5. ބިދޭސީ މީހާއަށް ވަޒީފާދޭ ފަރާތުގެ ހުއްދަ ބާޠިލުކުރުން
ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން:
- އިހުމާލުވާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރެވޭނެއެވެ.
- އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
- ތަކުރާރުކޮށް އިހުމާލުވާނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން ގަވާއިދުގައި ކަނޑައަޅާ މުއްދަތަކަށް އެ ފަރާތަކަށް ދެވޭ ޚިދުމަތްތައް ހުއްޓާލެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި އިޞްލާޙު ތަޞްދީޤުކުރައްވާފައިވާ ހިނދު، ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ސަބަބުން އެކުލަވާލެވިފައިވާ ޤަވާޢިދުތަކަށް ގެންނަންޖެހޭ ބަދަލުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 3 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ނިންމާފައިވެއެވެ.



