މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދެއްކުމުގެ މައްސަލައިގައި ހައްޔަރުކުރެވުނު އަޙްމަދު އަތުހަރު (ހެޕީލޭންޑް، ށ. މިލަންދޫ) ދަންޖަހައިގެން މަރުވާން އުޅެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ދޫނިދޫގައި މި ހާދިސާ ހިނގުމާ ގުޅިގެން އަތުހަރު ފުރަތަމަ ގެންދެވުނީ ދޫނިދޫ ހޮސްޕިޓަލަށެވެ. އެތަނުގައި ފަރުވާ ދިނުމަށްފަހު، އޭނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ. އައި.ޖީ.އެމް.އެޗްގައި އޭނާއަށް ޚާއްޞަ ފަރުވާ ދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވި ގޮތުގައި އަތުހަރުގެ ހާލަތު ސީރިއަސްކަމަށް ބެލެވެއެވެ.
މި މައްސަލައިގައި އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ. އަދި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.



