މިދިޔަ 5 ހަފްތާގެ ތެރޭގައި ޗިކުންގުންޔާގެ 78 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުން އަންނަކަމަށާއި މި ބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. މިދިޔަ 5 ހަފްތާގެ ތެރޭގައި 78 ކޭސް ފެނިފައިވާއިރު، އޭގެ ތެރޭގައި ގިނައީ މާލެ ސަރަޙައްދުން ފެނިފައިވާ ކޭސްތައް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް މި ބަލި އެންމެ ގިނައިން ޖެހިފައިވަނީ 25 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.
ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި:
- 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން
- ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން
- ހުޅުހުޅުގަ ރިއްސުން
- ބަނޑުގައި ރިއްސުމާއި، މޭ ނުބައިކޮށް ހޮޑުލެވުން
- ގާގައި ރަތް ބިހިތަކެއް ނެގުން (ރޭޝް)
މި ބަލިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވެގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުންކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ މަދިރި މަދުކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ބަލީގެ ސަރވެއިލެންސް މަސައްކަތް ހަރުދަނާ ކުރުމަށް ގައިޑްލައިންތައް ޙިއްސާކޮށް، ރިޕޯޓިން ހަރުދަނާ ކުރުމާއި ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް ކްލިނިކަލް މެނޭޖްމަންޓް ސެޝަންތައްވެސް ބާއްވަމުން އަންނަކަމަށް އެޗްޕީއޭ އިން މަޢުލޫމާތުދެއެވެ.
އެޗްޕީއޭ އިން ބުނީ ޗިކުންގުންޔާ ޖެހުމުން ރައްކާތެރިވުމަށްޓަކައި މަދިރި ހެފުމުން ރައްކާތެރިވުމަށްވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާން ލުމާއި، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުމާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލެއްޕުމާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުން ހިމެނެއެވެ.
މީގެ އިތުރުން ޗިކުންގުންޔާ ޖެހިއްޖެނަމަ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، އަރާމުކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.



