މާލޭގެ މާފަންނު ސަރަޙައްދުގައި އަންހެނަކު ރަހީނުކޮށްގެން ހުރި މީހަކު ހައްޔަރުކުރަން އުޅެނިކޮށް ފުލުހެއްގެ އަތަށް އަނިޔާވި ހާދިސާއަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިޝާރާތްކުރައްވައިފިއެވެ. މިކަމަށް އިޝާރާތްކުރެއްވީ މިއަދު ބޭއްވުނު ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ޖަލްސާގައެވެ.

ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ނުރައްކާތެރި މަސައްކަތެއްކަން ފުލުހުންނާއި އެމީހުންގެ އާއިލާތަކުން ޤަބޫލުކުރާ ކަމަށެވެ. އަދި ފުލުހުންގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮމިޝަނަރު ޝުޖާއު ވިދާޅުވީ ފުލުހުންނަށް ތަޢުރީފުކުރުމާއި ފާޑުކިޔުމަކީ މަސައްކަތުގެ ބައެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މިއަދަކީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ޒަމާންކަމަށް ފާހަގަކުރައްވައި، ފުލުހުންގެ ތަމްރީނުތައް ބައްޓަންކުރެވެނީ ފޮޓޯއާއި ވީޑިއޯތަކަށް ތަހުޒީބުކަމާއެކު ކުރިމަތިލާން ދަސްކޮށްދޭ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުންގެ މަސައްކަތުގެ ނާޒުކުކަމާއި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ މީޑިއާގެ ޒަރީއާއިން ފުލުހުންނަށް ބިނާކުރަނިވި ފާޑުކިޔުންތައް ލިބޭ ކަމަށާއި، އެއިން މުއައްސަސާ ކުރިއަރާ ކަމަށެވެ. އަދި މީޑިއާތަކުން ފުލުހުންނާ ގާތްކޮށް މަސައްކަތްކުރާ ކަމަށާއި، އެހީތެރިކަން ފޯރުކޮށްދޭ ކަމަށްޓަކައި ކޮމިޝަނަރު ޝުކުރު އަދާކުރެއްވިއެވެ.