ގިނަ އަހަރުތަކެއް ވަންދެން ނިކޮޓިން ވޭޕްކުރުމުގެ ސަބަބުން އޭނާގެ އަޑަށް ބަދަލުތަކެއް އައިސްފައިވާކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޯމޭޒް ހާމަކޮށްފިއެވެ. އަދި މި އާދައިން ދުރުހެލިވުމަށް މަސައްކަތްކުރަމުންދާ ކަން ހާމަކޮށް، އެހެން މީހުންވެސް މިފަދަ އާދަތަކުން ދުރުވުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އުމުރުން 34 އަހަރުގެ ސެލީނާ ބުނެފައިވަނީ، އޭނާ ވަރަށް ގިނައިން ނިކޮޓިން ވޭޕްކޮށްފައިވާ ކަމަށާއި، އަޑަށް ބަދަލު އައީ އެކަމުގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެއީ ހުއްޓާލަން އުނދަގޫ އާދައެއްކަން ފާހަގަކުރަމުން، އޭނާ ނިކޮޓިން ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށާއި އުންމީދަކީ އެގޮތުގައި ކުރިއަށް ދިއުން ކަމަށްވެސް އޭނާ ބުންޏެވެ.
އޮޓޯއިމިއުން ބައްޔެއްކަމަށްވާ "ލޫޕަސް" ޖެހިފައިވާ ސެލީނާ މީގެ ކުރިން ބުނެފައިވަނީ، އެ ބަލީގެ ސަބަބުން ބައެއް ފަހަރު އޭނާގެ ކަރުތެރެ ދުޅަވާ ކަމަށެވެ. ލޫޕަސް ބަލީގެ ސަބަބުން އުފެދޭ އިންފްލެމޭޝަންގެ ސަބަބުންނާއި އުމުރުން ދުވަސްވުމުން އަޑަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، ސެލީނާ ބުނެފައިވަނީ އޭނާގެ އަޑަށް އައި ބަދަލުގެ މައިގަނޑު ސަބަބަކީ ނިކޮޓިން ބޭނުންކުރުން ކަމަށެވެ.
ލޫޕަސް ބަލީގެ ނުރައްކާތަކާ ގުޅިގެން 2017 ވަނަ އަހަރު ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާ ސެލީނާ އޭނާގެ ވޭޕްކުރުމުގެ އާދައާ މެދު ވާހަކަދެއްކުމުން ސޯޝަލް މީޑިއާގައި ވަނީ އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފައެވެ. ސިއްހީ ބޮޑު މައްސަލައެއް އޮތްއިރު ވޭޕްކުރުމުން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިއިރު، އަނެއްބައި މީހުން ވަނީ ދެވިހިފުމުގެ މައްސަލައާ މެދު ފުޅާކޮށް ވާހަކަދައްކައި، އެކަމުން ދުރުވާން މަސައްކަތްކުރާ މީހުންނަށް ހިތްވަރު ދިނުމުން އޭނާއަށް ތައުރީފުކޮށްފައެވެ.




