އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ"ގެ ދެވަނަ ދައުރު އިފްތިތާޙުކުރުމަށް ރޭ އިސްކަންދަރުކޮށީގައި ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށާއި އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާކަމަށެވެ.
އެކަމަނާ ވިދާޅުވީ އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި ބައިވެރިވުމާއި އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ގޮތުގައި ކުރިއަށް ދިއުމަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމާއި، އަންހެނުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތް އިފްތިތާޙުކޮށްދެއްވާފައެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައި ޝާއިއުކޮށްފައިވާ ފޮތެކެވެ.
މި ޙަފުލާ ފެށުމުގެ ކުރިން، އިއްޔެ ނިޔާވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލްމަރުޙޫމް މުޙައްމަދު ޒިޔާދުގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެސްފައިވެއެވެ.



