ރައީސް އޮފީހުގައި އިއްޔެ ބޭއްވުނު ކެބިނެޓު ބައްދަލުވުމުގައި ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ. މި ނިންމުންތަކުގެ ތެރޭގައި ރީޖަނަލް އެއަރޕޯޓްސް ކުންފުނި އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން އެޗްޑީސީގެ ދަށަށް ބަދަލުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން, ބީސީސީގެ ދަށަށް ބަދަލުކުރުން ނުވަތަ އެއްކޮށްލުމަށްވެސް ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މި ބަދަލުތަކަކީ ކުންފުނިތަކަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް، ކުންފުނިތައް ހަރުދަނާކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ވަރަށް ދަށްވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކުންފުނިތައް އިސްލާހުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށާއި، މީގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުކުރުން ހިމެނޭކަމަށްވެސް ވަނީ ހާމަކޮށްފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައިކުރުމަށް އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމެއް ތަޢާރަފްކުރުމަށް ސަރުކާރުން ވިސްނަމުންދާކަންވެސް ވަނީ ހާމަކޮށްފައެވެ.