ބަންގްލަދޭޝްގެ ޗަޓޯގްރާމް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މަސައްކަތްކުރާ ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފިއެވެ. މި ހަމަލާ ދިނީ ހިތުގެ ބައްޔަކުން ނިޔާވި މީހެއްގެ އާއިލާއިންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހަމަލާދިން ފަރާތުން ތުހުމަތުކޮށްފައިވަނީ ޑޮކްޓަރުން ނުބައި އިންޖެކްޝަނެއް ދިންކަމަށެވެ. ނަމަވެސް، ޑޮކްޓަރުން ބުނެފައިވަނީ އެމީހުންގެ ޑިއުޓީ ފެށުނު ފަހުން އެއްވެސް އިންޖެކްޝަނެއް ދީފައި ނުވާ ކަމަށެވެ.

ހަމަލާ ދިނީ ޑޮކްޓަރުން މަރު ސެޓްފިކެޓަށް އައިޑީ ކާޑު ހޯދަން ދިޔުމުންނެވެ. އެއް ޑޮކްޓަރެއްގެ ކޮނޑުގައި ތަޅައި، އަނެއް ޑޮކްޓަރުގެ އަތުގައި ހިފައި ދަމައި، ހަޑިހުތުރު ބަހުން މުޚާތަބުކޮށްފައިވެއެވެ. މި ހާދިސާއާ ގުޅިގެން، ހޮސްޕިޓަލްގެ އިސް މުވައްޒަފުން ، ޑޮކްޓަރުންގެ ސަލާމަތަށްޓަކައި ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ސްޓޯރ ރޫމެއްގައި ބަހައްޓާފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ހޮސްޕިޓަލްގެ މެޑިކަލް މުވައްޒަފުންގެ ރައްކާތެރިކަމާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ. މިކަމާ ގުޅިގެން މެޑިކަލް ދަރިވަރުން ހޮސްޕިޓަލް މެނޭޖްމަންޓާ ބައްދަލުކޮށް މި ކަންބޮޑުވުންތަކާމެދު މަޝްވަރާކޮށް، ސެކިއުރިޓީ ރަނގަޅުކުރުމަށް އެދުމަށް ހަމަޖެހިފައިވެއެވެ. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ވަނީ ދިވެހި މެޑިކަލް މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހޮސްޕިޓަލަށް ރަސްމީކޮށް އެދިފައެވެ. މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، ހޮސްޕިޓަލް މެނޭޖްމަންޓުން އަދި މި ހާދިސާއާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.