ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ކެޓަލޯނިއާގެ ޖަޔަންޓްސް އިން ވަނީ 7-0 އިން ވެލަޑޮލިޑް ލަދުގަންނަވާލައި ލީގުގެ އެއްވަނާގައި ހިތްދެމިލާފައެވެ.
މެޗު ފަށުނީއްސުރެ ފަހު ކަށިގަނޑާ ހަމައަށް ބާސެލޯނާއިން ވަނީ ރަނގަޅު ކުޅުމެއް ކުޅެ މެޗު ޑޮމިނޭޓުކޮށްފައެވެ. މެޗުގެ 20 ވަނަ މިނެޓްގައި ރަފީނިއާ ވަނީ ލަނޑެއްޖަހާފައެވެ. އޭގެ ހަތަރު މިނެޓް ފަހުން ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސާއަށް ލީޑު ފުޅާކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް ޖޫލްސް ކައުންޑޭ ވަނީ ތިން ވަނަ ގޯލު ސްކޯބޯޑަށް އިތުރުކޮށްފަ އެވެ.
ދެވަނަ ހާފު ފަށައިގެން ބާސެލޯނާ ވަނީ ފުލުފުލުގައި ވެލަޑޮލިޑްގެ ގޯލަށް ހަމަލާތަކެއް ފޮނުވާފައެވެ. ރަފިންހާ ވަނީ ތަފާތު ކުޅުމެއް ދައްކާ، މެޗުގެ 64 ވަނަ މިނެޓާއި 72 ވަނަ މިނެޓުގައި އިތުރު ދެ ލަނޑު ޖަހައި، ކެރިއަރުގެ ފުރަތަމަ ހެޓްރިކް ހަދާ ވެލަޑޮލިޑްގެ ޑިފެންސް ހާލިކޮށްލާފައެވެ.
މެޗުގެ 82 ވަނަ މިނެޓްގައި އަލަށް ގެނައި ޑޭނީ އޮލްމޯ ވަނީ އެ ޓީމަށް ހަ ވަނަ ގޯލު ޖަހައިދީފައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ވަނީ ލަނޑެއް ޖަހައި އިދިކޮޅު ޓީމު ލަދުގަންނަވާލައި މެޗު ނިންމާލާފަ އެވެ.
ބާސެލޯނާގެ ކުޅުންތެރިން އެ ކުލަބުގެ ސަޕޯޓަރުން ހިތްހަމަ ޖައްސާލި މި ފުރިހަމަ މޮޅާއެކު މިހާރު ވަނީ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ދަމަހައްޓާފައެވެ. ރެއާލް ވެލަޑޮލިޑް މިވަގުތު އޮތީ 12 ވަނާގައި 4 ޕޮއިންޓާ އެކުއެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މިވަގުތު އޮތީ 5 ޕޮއިންޓާއެކު ތާވަލުގެ 5 ވަނާގައެވެ. ރިއަލް ބެޓިސް ދެކޮޅަށް މާދަމާރޭ 12:30 ގައި އެ ޓީމު ނިކުންނާނެއެވެ.
ބާސެލޯނާގެ މި ނަތީޖާއިން ލާލީގާގެ ވާދަވެރިންނަށް ސާފު މެސެޖެއް ލިބުނުއިރު، އެ ޓީމު މި ވަގުތި އޮތީ ވަރަށް ވަރުގަދަ ފޯމެއްގައެވެ.



