ކެނެޑާގެ ފަތުރުވެރިޔަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އުމުރަށް ޖަލަށްލުމަށާއި 1,000,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ދަޢުވާ އުފުލިފައިވަނީ ސްކޮޓް ވިލިއަމް އާމްސްޓްރޯންގްގެ މައްޗަށެވެ. މައްސަލައިގެ ތަފްސީލަށް ބަލާއިރު 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ބ. މާޅޮސް ތުނޑިވިލެޖު މޯލްޑިވްސް އެންޑް ސްޕާގެ ރޫމް 102 އިން ފުލުހުން ކޯޓު އަމުރަކާއެކު ބަލައި ފާސްކުރުމުން 26.7591 ގްރާމް ކެނަބިސް މިނީބާގެ ތެރެއިން އަދި 0.1165 ގްރާމް ކެނަބިސް ލަގެޖުގެ ތެރެއިން ފެނިފައިވެއެވެ.
ސްކޮޓްގެ ވަކީލު ބުނެފައިވަނީ ސްކޮޓް ދަޢުވާއަށް އިންކާރުކުރާ ކަމަށާއި، ކޮޓަރިން ފެނުނު ތަކެއްޗަކީ ސްކޮޓްގެ އެއްޗެއް ނޫން ކަމަށެވެ. އަދި ގެސްޓްހައުސްއަކަށްވުމުން އެހެން މީހުންނަށްވެސް އެކްސެސް ލިބޭ ކަމަށާއި މަސްތުވާތަކެތި ފެނުނީ ސްކޮޓްގެ ސީދާ ކޮންޓްރޯލުގައިވާ ތަނަކުން ނޫން ކަމަށެވެ. މީގެ އިތުރުން މައްސަލަ ބަލަން ފެށި ހިސާބުން ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
ކޯޓުން ނިންމި ގޮތުގައި ދަޢުވާތައް ސްކޮޓްގެ މައްޗަށް ސާބިތުވެފައިވާތީ، އޭނާ 1,000,000 ރުފިޔާއިން ޖޫރިމަނާކުރުމަށާއި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. މީގެ އިތުރުން ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު 24 އަހަރާއި 6 މަހާއި 21 ދުވަހަށް ޖަލަށްލުމަށް ނިންމާފައިވެއެވެ.



