އޮސްޓްރިއާގެ އެއްވަނަ ކިރު ބްރޭންޑްތައް ކަމަށްވާ "ފޯމިލް" އަދި "އަލްޕީލޭންޑް" ގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި ބްރޭންޑްތައް ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ އެ ބްރޭންޑްތަކުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރ، ކްލިއޯ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ.
މި އުފެއްދުންތައް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ދާދިފަހުން ބޭއްވުނު "ހޮޓެލް އޭޝިއާ އެގްޒިބިޝަން 2026" ގައެވެ. މި ބްރޭންޑްތަކަކީ ޔޫރަޕްގެ ފެންވަރު ރަނގަޅު، އިތުބާރު ހިފޭ އަދި މޮޅު އުފެއްދުންތަކަށް މަޝްހޫރު އޮސްޓްރިއާގެ ޑެއިރީ ކުންފުންޏެއް ކަމަށްވާ "ޝާޑިންގަރ" ގެ އުފެއްދުންތަކެކެވެ.
"ފޯމިލް" އަދި "އަލްޕީލޭންޑް" ރާއްޖެއަށް ތަޢާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ (ހޮސްޕިޓާލިޓީ)، ފުޑް ސަރވިސް އަދި ރީޓެއިލް ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ކިރުގެ ބާވަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިޒޯޓުތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކުގެ އިތުރުން އާންމު ފިހާރަތަކަށްވެސް މި އުފެއްދުންތައް ސަޕްލައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން ޒިޔާރަތްކުރި ފަރާތްތަކަށް މި ކިރުގެ ރަހަ ބަލާލުމުގެ ފުރުޞަތާއި، ބްރޭންޑާ ބެހޭ މައުލޫމާތު ހޯދައި، ކްލިއޯ އިންވެސްޓްމަންޓްސްއާ އެކު ސަޕްލައި ޕާޓްނަރޝިޕް ހެދުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ.
މި އުފެއްދުންތައް ތައާރަފްކުރުމަކީ ބައިނަލްއަޤްވާމީ ފެންވަރުގެ މަޤްބޫލު ކާބޯތަކެތީގެ ބްރޭންޑްތައް ރާއްޖެއަށް ގެނައުމަށް ކްލިއޯ އިންވެސްޓްމަންޓްސް އިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. އެ ކުންފުނިން ރާއްޖޭގެ ބާޒާރުގައި ޝާޑިންގަރ ކުންފުނީގެ މި އުފެއްދުންތައް ޑިސްޓްރިބިއުޓް ކުރުމުގެ އިތުރުން، ކަސްޓަމަރ ސަޕޯޓާއި ސަޕްލައިގެ ޚިދުމަތްތައް ފުރިހަމަކަމާއެކު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.



