އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްހޭމް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު ހާލަންޑުގެ ހެޓްޓްރިކާއެކު ފަސޭހަކަމާއެކު ސިޓީއިން މެޗު ކާމިޔާބުކޮށްފިއެވެ. ސިޓީއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ސިޓީއަށް ގޯލު ހުޅުވައިދިނީ ވެސްޓް ހަމްގެ މެދުތެރެއަށް ކުޅޭ ލަކުއެޓާއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި ބެނާޑޯ ސިލްވާ ހާލަންޑަށް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ސިޓީގެ ދެވަނަ ގޯލު ހާލަންޑު ކާމިޔާބުކޮށްފައިވަނީ ޑިފެންޑަރު ރިކޯ ލެވިސްގެ އެހީތެރިކަމާ އެކުގައެވެ. އަދި ނޯވޭ ފޯވާޑުގެ ހެޓްޓްރިކް ފުރިހަމަ ކޮށްފައިވަނީ 83 ވަނަ މިނެޓުގައި މެތިއުސް ލުއިސް ތަނަވަސްކޮށްދިން ހިތްގައިމު ފުރުސަތެއްގައެވެ.
ވެސްޓު ހޭމުން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ ސިޓީގެ ޑިފެންޑަރު ރުބެން ޑިއަސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ނިމިދިޔަ ހަފްތާގައި އިޕްސްވިޗާއި ދެކޮޅަށް ކުޅެވެސް ހާލަންޑު ވަނީ ހެޓްޓްރިކް ހަދާފައެވެ. އަދި ސީޒަނުގެ ފުރަތަމަ މެޗުގައި ޗެލްސީއާ ދެކޮޅަށް ކުޅެ ހާލަންޑު ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ސީޒަނުގައި 7 ގޯލު މިހާތަނަށް ހާލަންޑު ކާމިޔާބުކޮށްފައިވާއިރު އޭނާއަކީ މިވަގުތު ސީޒަނުގެ ޓޮޕް ސްކޯރާއެވެ. ސިޓީގެ ޖާޒީގައި މިރޭ ޖެހި 3 ގޯލާއެކު އޭނާގެ ހެޓްޓްރިކެގެ އަދަދު 11 އަށް ވަނީ އަރާފައެވެ.

އިނގިރޭސި ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބްރެންޓުފޯޑު އަދި ސަތަމްޓަން ބައްދަލުކުރި މެޗު ބްރެޓުފޯޑުން ފަސޭހަކަމާއެކު މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. އެވަޓަންގެ މައްޗަށް ބޯންމައުތް 2-3 ގެ ނަތީޖާއަކުން ކުރި ހޯދިއިރު އިޕްސްވިޗް އަދި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ލެސްޓަރ އަދި އެސްޓަން ވިލާ ކުޅުނު މެޗު 1-2 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކާމިޔާބު ކުރިއިރު ނޮޓިންހަމް ފޮރެސްޓު އަދި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
މެންޗެސްޓަރ ޔުނައިޓަޑް އަދި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ރޭ ރާއްޖެ ގަޑިން 08:30 ގައެވެ. މި މެޗު ކުޅެން ހަމަޖެހިފައިވަނީ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގެ ދަނޑުގައެވެ.



