ސިވިލް ސާވިސަސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ފޮނުވި ދެ ނަމުގެ ތެރެއިން ފާތިމަތު ހަބީބާއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެެވެ.
ވޯޓަށް އަހަން ފޮނުވި ދެ ނަމަކީ އަބްދުލް ހަސީބު އިސްމާއިލާއި، ފާތިމަތު ހަބީބާގެ ނަމެވެ.
ވޯޓުގައި ބައިވެރިވި 38 މެމްބަރުން ހަބީބާއަށް ރުހުން ދޭން ފެންނަކަމަށް ނިންމިއިރު އަބްދުލް ހަސީބު އިސްމާޢީލް އަށް ރުހުން ނުދޭން 19 މެމްބަރުުން ނިންމިއެވެ.
ސީއެސްސީގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަމަވުމާއި ގުޅިގެންނެވެ.
ސިވިލް ސާވިސްގެ މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު އެކޮމިޝަނުގެ ރައީސަކީ މުޙައްމަދު ނާޞިޙް އެވެ. ނާސިޙް އަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ބޭފުޅެކެވެ. ނައިބް ރައީސަކީ ތަޢުލީމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރެއްވި އިބްރާހީމް ރަޝީދެވެ. ކޮމިޝަނުގެ ދެ މެމްބަރުންގެ ގޮތުގައި ތިއްބެވީ މުޙައްމަދު ފަރުޞަތު އަދި ފާތިމަތު ޝަރީފް އެވެ. ފާތިމަތު ހަބީބާ އަކީ 9 ޑިސެމްބަރު 2010 އިން ފެށިގެން ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލްއެވެ.



