އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލަށް ބްރައިޓަންއާ ދެކޮޅަށް ކުޅެ މުހިއްމު ދެ ޕޮއިންޓް ގެއްލިއްޖެއެވެ.
އަމިއްލަ ދަނޑުގައި ގޯލެއް ޖަހާފައިވަނިކޮށް މިސީޒަން ފަށައިގެން ރަނގަޅު ކުޅުމެއް ކުޅެމުން އަންނަ ބްރައިޓަން ވަނީ ފަހަތުން އަރައި 1-1 އިން އެއްވަރު ކޮށްފައެވެ. ލީގުގެ މިހާ ކުރީކޮޅު ނުކުތް މި ނަތީޖާއާ ގުޅިގެން އާސެނަލްގެ މި ސީޒަނުގައި ޗެމްޕިއަންކަން ހޯދުމުގެ ހުވަފެނަށް ސުވާލު ތަކެއް ކުރިމަތިވެއްޖެއެވެ.
މިޝެލް އާޓެޓާގެ ޓީމުން މެޗު ފަށައިގެން ފުރަތަމަ ހާފް ކޮންޓްރޯލްކޮށް، ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. މާޓިން އޮޑެގާޑް އާސެނަލް އަށް ކުރި ހޯދައިދިނުމަށް ލިބުނު ފުރުސަތެއް ބޭކާރު ކޮށްލެވުނު ނަމަވެސް ގަނާސް އަށް ކުރިއެރުން ލިބުނީ ބުކާޔޯ ސާކާގެ މޮޅު ހިނދުކޮޅެއްގެ ސަބަބުންނެވެ. ޒުވާން ވިންގާ ބްރައިޓަންގެ ޑިފެންސް ކައިރިން ހިތްގައިމުކޮށް ކައި ހާވަރޓްޒް ސެޓްކޮށްލި ބޯޅައިން ހާވަރޓްޒް އާސެނަލްއަށް ލީޑެއް ނަގައިދިނެވެ.
މެޗު އާސެނަލުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ފަހުހާފުގައި އާސެނަލްގެ މައްޗަށް ބްރައިޓަން ގަދަކޮށްލިއެވެ. ސަބަބަކީ މި ހޫނު މޫސުމުގައި 105 މިލިއަން ޕައުންޑަށް ގެނައި ޑެކްލަން ރައިސްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދެއްކި ހިސާބުންނެވެ. މީގެ ފައިދާ ބްރައިޓަން އިން ނަގައި ޖޯއާއޯ ޕެޑްރޯ ލަނޑެއް ޖަހައި މެޗު އެއްވަރުކޮށްދިނެވެ.

ބްރައިޓަންގެ ޖޯއާއޯ ޕެޑްރޯ އޭނާގެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނުމަށް ފަހު އުފާފާޅުކުރަނީ
ސީޒަނުގައި ކުޅުނު މަދު މެޗުތަކަކާއެކު މިއީ އަދި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ހީވެދާނެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާއިރު ސީޒަންގެ ކުރީކޮޅު އާސެނަލްއަށް މިފަދަ ކަމެއް ފުލަމްއާ އެއްވަރުވުމުން ދިމާވެފައި ވެއެވެ. ތާރީޚު ތަކުރާރުވެއްޖެނަމަ މި މެޗަކީ އޭގެ ސަބަބަކަށް ވާނެއެވެ.



