އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް އެއްވެސް ކަހަލަ އަސްކަރީ ހައްލެއް ނެތް ކަމަށާއި، މި މައްސަލައަށް އޮތީ ހަމައެކަނި ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އަރާގްޗީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ ސަރަޙައްދީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، އެމެރިކާއިން އީރާނަށް އިންޒާރުތައް ދެމުންދާ ދަނޑިވަޅެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބާރުގެ ބޭނުންކޮށްގެން އަދި އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއިން މައްސަލަތައް ހައްލުކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަކީ ނާކާމިޔާބު ވެފައިވާ ސިޔާސަތެކެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސަރަޙައްދުގެ ސުލްހައާއި ހަމަޖެހުމަށް އިތުރު ނުރައްކާތަކާ ކުރިމަތިލާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އީރާނުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގައި އެ ޤައުމު ސާބިތުވެ އޮންނާނެ ކަމަށާއި، ނަމަވެސް މަޝްވަރާއާއި ޑިޕްލޮމެޓިކް މަގުތައް އިޚްތިޔާރުކުރުމަކީ އަބަދުވެސް އެންމެ އިސްކަންދޭ ގޮތް ކަމުގައި ޚާރިޖީ ވަޒީރު ހާމަކުރެއްވިއެވެ. އެހެންކަމުން، ބައިނަލްއަޤްވާމީ މުޖުތަމަޢުން ޒިންމާދާރުކަމާއެކު ހަނގުރާމަ ހުއްޓުވުމަށް ބާރުއަޅަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ދަނޑިވަޅަކީ ސަރަޙައްދުގައި ހަމަލާތައް ބަދަލުކުރުން އިތުރުވެ، އެމެރިކާއާއި އީރާނާ ދެމެދު އޮތް ގުޅުން އިންތިހާއަށް ގޯސްވެފައިވާ ވަގުތެކެވެ. މަސްރަޙު ފިނިކުރުމަށް އެކި ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް، އަސްކަރީ ކުރިމަތިލުންތަކުގެ ބިރުވެރިކަން އަދިވެސް އޮތީ ބޮޑުވެފައެވެ.



