ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ)ގެ ޗާޓަރާއި ސެކްރެޓޭރިއެޓް ޤާއިމުކުރުމުގެ ފަހުމުނާމާގައި މެންބަރު ޤައުމުތަކުން ސޮއިކޮށްފިއެވެ. ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުނު މި ރަސްމިއްޔާތުގައި އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް އަދި ސްރީލަންކާގެ އިސް ވަފުދުތަކުން ބައިވެރިވިއެވެ.
މެންބަރު ޤައުމުތަކުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތް ދޯވަލް ކޭ.ސީ، ދިވެހިރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފް، ޑީ.ސީ (ރޓ)، ލޓކލ (ރޓ)، މޮރިޝަސް އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހޭމަންޑޯޔަލް ދިލުމް އަދި ސްރީލަންކާގެ ރައީސްގެ ނޭޝަނަލް ސެކިއުރީޓީ އެޑްވައިޒަރު ސަގަލަ ރަޓްނަޔަކަ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ސީއެސްސީގެ އަސާސީ މަޤްޞަދަކީ ބައިނަލްއަޤްވާމީ ގޮތެއްގައި މެންބަރު ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ.
ސީއެސްސީގެ ދަށުން މެންބަރު ޤައުމުތަކުން އެއްބާރުލުންދޭ މައިގަނޑު 5 ދާއިރާއެއް ވެއެވެ. އެއީ:
- ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން،
- ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުން،
- ޓްރެފިކިން އަދި ޤައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުން،
- ސައިބަރ ސެކިއުރިޓީއާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން
- އިންސާނީ އެހީތެރިކަމާއި ކާރިސާތަކާ ގުޅިގެން އެހީތެރިވެދިނުމެވެ.
ސޮއިކުރުމުގެ ހަރަކާތް ނިންމާލެވުނީ ކުރިއަށް ހުރި މަސައްކަތްތަކާއި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށްފަހުއެވެ. މިއީ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.



