މާލޭގައި ގޭގެއިން މަސައްކަތްކުރަމުންދިޔަ ބިދޭސީ އަންހެނަކު ވައްކަންކޮށްގެން ފިލައިގެން އުޅޭތީ، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި މައްސަލައާ ގުޅޭ ގޮތުން ފޭސްބުކުގައި ކުރެވުނު ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މާޔާ ނަމަކަށް ކިޔާ މި އަންހެން މީހާ ގެއިން ފިލާފައިވަނީ އިއްޔެ ރޭ 7:30 އާއި 8:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ ފިލާފައިވަނީ އޭނާ ދިރިއުޅުނު ކޮޓަރީގައި ހުރި ސާމާނު ވަގަށް ނަގައިގެންނެވެ.
މާޔާއަކީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށްގެން ގޭގައި މަސައްކަތްކުރަން ގެންގުޅޭ އަންހެނެކެވެ. އޭނާ ފިލާފައިމިވަނީ ގެނައިތާ އަހަރެއްވުމުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދަނިކޮށެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންނަށާއި އިމިގްރޭޝަނަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މިހާތަނަށް އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. ފާއިތުވި 9 މަހުގެ ތެރޭގައި މާޔާ ވަނީ އެކި ބަހަނާ ދައްކައިގެން އެ ގެއިން ދާން މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ފިރިމީހާ އެކްސިޑެންޓްވެގެން ދާން ބޭނުންވާ ކަމަށް ބުނުން ހިމެނެއެވެ.
ފޭސްބުކުގައި މި ޕޯސްޓަށް ކޮމެންޓްކުރި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މާޔާއަކީ މީގެ ކުރިން ވެސް މަސައްކަތްކުރަން އުޅުނު ގެއިން ވައްކަންކުރި މީހެކެވެ.


