އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ހަތީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ބައިވެރިވި 209 ޒުވާނުންނަށް ހަތީބުކަމުގެ ސަނަދު އަރުވައިފިއެވެ. މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ.
މި ރަސްމިއްޔާތުގައި ހަތީބުންނަށް ސަނަދު ޙަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު އަދި ރާއްޖޭގެ ފަތުވާ މަޖިލީހުގެ މެންބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިނެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޒުވާން ހަތީބުން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގްރާމު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީނުކުރުމަކީ އެ ވުޒާރާގެ އަމާޒު ކަމަށާއި، މި އަމާޒު ޙާޞިލްކުރެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޒުވާން ހަތީބުން ޙާޞިލްކުރެއްވި މި މަތިވެރި ކާމިޔާބީއަށް މަރުޙަބާ ކިޔާ ކަމަށާއި، މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމަޢު ޤަބޫލުކުރާ ފަދަ ބަޔަކަށްވުމަށް ނަޞޭޙަތްތެރިވިއެވެ. އަދި ޒުވާން ހަތީބުން ޕްރޮގްރާމުގެ ތިންވަނަ ބުރު ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު އިޢުލާން ކުރެއްވިއެވެ.


