ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނަށް ދައުލަތުން ލިބިދޭ ބައެއް އިނާޔަތްތައް ބޭނުންފުޅެއް ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އުސޫލުގެ ތެރެއިން އަމިއްލަ ދަތުރުފުޅުތަކުގައި މުލިއާގެ ބަޖެޓުން އެމަނިކުފާނަށް ހަރަދު ކުރެވޭ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެމަނިކުފާނުގެ އަމިއްލަ އެއްވެސް ދަތުރެއްގައި ޓިކެޓު ވިޔަސް އެކަމަޑޭޝަން ވިޔަސް އެއްވެސް ހަރަދެއް މުލިއާގޭ ބަޖެޓުން ނުކުރައްވާ ކަމަށެވެެ.
“މިއަދާ ހަމައަށް އަޅުގަނޑު ދިޔަ އެއްވެސް އަމިއްލަ ދަތުރެއްގައި ޓިކެޓު ވިޔަސް އެކަމަޑޭޝަން ވިޔަސް އެއްވެސް ހަރަދެއް، އަޅުގަނޑުގެވެސް އަޅުގަނޑުގެ އަންހެނުން ވިޔަސް ކުދިން ވިޔަސް، އެއްވެސް މީހެއްގެ ހަރަދެއް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި ނުހުންނާނެ އަމިއްލައަށް ނޫނިއްޔާ ކޮށްފަ އެއް.
ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ ދަތުރުތަކުގައި ދައުލަތުން ހަރަދު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެ ފުރުސަތުގެ ބޭނުން ކުރަން ބޭނުންނުވާ ކަމަށެވެ.
ވެރިކަމުގެ ކުރީކޮޅު މުލިއާގެ މަރާމާތު ކުރުމަށްޓަކައި އެމަނިކުފާނު އަމިއްލަ ގެކޮޅުކަމަށްވާ ދިމަޔާތުގައި ހުންނެވި އިރުވެސް އެތަނުގެ ހަރަދުތައްވެސް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ދިމްޔާތުގައި އުޅުއްވިއިރު އިދިކޮޅު ފަރާތްތަކުން ވަނީ ދިމްޔާތަށް ހަރަދުކުރަނީ ސަރުކާރުން ކަމަށް ބުނެ ދޮގު ހަބަރު ފަތުރާފައެވެ.
“އަޅުގަނޑު އަމިއްލަޔަށް ހުރިހާ ހަރަދެއް ކުރީ. އަޅުގަނޑުމެން ގޭގަ ސެކިއުރިޓީ ސެޓަޕް ހެދުމަށް ކުއްޔަށްދޭ ކޮޓަރިތައް އަޅުގަނޑު ހަމަޖެއްސީވެސް އަމިއްލަޔަށް. ހުރިހާ ހަރަދެއް، މި ދެންނެވީ ސަރުކާރު ބަޖެޓުގައި އޭރު ހުއްޓަކަސް ލާރި ނުނަގަމޭ.



