ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ވެހިކަލްތައް ނަގައި އެ ސަރަހައްދު ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މަދިރި އުފެދުމަށް މަގުފަހިވުމާއި، ގަވާއިދާ ޚިލާފަށް ދުވާރުމަތީގައި ތަކެތި ބެހެއްޓުމާއި، އާންމު ރައްޔިތުންނަށް އުނދަގޫވުމާއި، އަދި ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވުން ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އަންގާފައިވާ ގޮތުގައި ހުއްދަ ނެތި ބެހެއްޓިފައިވާ ތަކެތި 12 ޖޫން 2023 ގެ ކުރިން ނެގުމަށް އަންގާފައިވެއެވެ. މި މުއްދަތުގެ ފަހުން ހުންނަ ތަކެއްޗާމެދު އެޗްޑީސީއަށް ފެންނަ ގޮތަކަށް ޢަމަލުކުރެވޭނެ ކަމަށް އެ ކުންފުނިން އަންގާފައިވެއެވެ. އަދި މި މަސައްކަތުގައި މުދަލަކަށް ލިބޭ ގެއްލުމަކަށް އެޗްޑީސީ ޒިންމާ ނުވާނެކަމަށްވެސް އަންގާފައިވެއެވެ.
މިއީ ހުޅުމާލޭގެ ވެށި އިތުރަށް ރަނގަޅުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޗްޑީސީން ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއް ކަމަށް އެފަރާތުން ބުނެއެވެ.



