ފެނަކަ ކޯޕަރޭޝަނުން އަންނަ ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން ކޮންމެހެން ބޭނުންވާ 45 ރަށަކަށް ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު ޢަލީ ވިދާޅުވެއްޖެއެވެ. މުޢާޒު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މުޢާޒު ވިދާޅުވި ގޮތުގައި މިއަހަރު ފެށުނުއިރު، ގިނަ ރަށްރަށުގައި ޖެނެރޭޓަރުތަކުގެ ހާލަތު ރަނގަޅުކުރަންޖެހި، ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވެއެވެ. މިހާތަނަށް އެންމެ ހާލަތު ގޯސް ރަށްތަކަށް 47 ޖެންސެޓު ފޯރުކޮށްދެވިފައިވާ ކަމަށާއި، ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން އިތުރު ރަށްތަކަށް ބޭނުންވާ ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބައޮތް ޕްލޭނެއް ކަނޑައަޅާފައި، އިތުރު 45 ރަށަކަށް ބޭނުންވާ ޖެނެރޭޓަރު ހޯދައިގެން މިހާރު މަސައްކަތްކުރަމުން މިދަނީ އަންނަ ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން ކޮންމެހެން ބޭނުންވާ 45 ވަރަކަށް ޖެނެރޭޓަރާއި އަދި މުހިއްމު ސްޕެއަރތައް އޯވަރ ހޯލްކުރުމަށް ބޭނުންވާ ސްޕެއަރތަކާއި އެކީގައި ހޯދުމުގެ މަސައްކަތްކުރަމުން މިދަނީ." މުޢާޒު ވިދާޅުވިއެވެ.
އިންޖީނުގެތަކުގެ ހާލަތު ދަށްވެފައިވަނީ ބަރާބަރަށް މެއިންޓެނަންސް ނުކުރެވުމުގެ ސަބަބުން ކަމަށް މުޢާޒު ފާހަގަކުރެއްވިއެވެ. ކަރަންޓު ޚިދުމަތް ރަނގަޅުކުރުމަށް ރަށްރަށުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް ރޭވިފައިވާ ކަމަށާއި، އެންމެ ހާލަތު ދަށް 15 ރަށުގައި މި މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން 150 އަށްވުރެ ގިނަ ރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކަމަށާއި، އަދި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައްވެސް ބަލަހައްޓަމުންދާ ކަމަށް މުޢާޒު ވިދާޅުވިއެވެ.



