ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާގެ 67 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. މި ތަހުނިޔާގައި ރައީސް މުޢިއްޒު މެލޭޝިއާގެ ރަސްގެފާނަށާއި، ބޮޑުވަޒީރަށް އަދި ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވިއެވެ.
ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގައި، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދުގައިވާ ރަޙްމަތްތެރިކަމާއި ގާތްގުޅުން ފާހަގަކުރައްވައި، މުސްތަޤްބަލުގައި މި ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މެލޭޝިއާގެ ވެރިންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އަދި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްވެސް ސޯޝަލް މީޑިއާގައި ތަހުނިޔާ ފޮނުއްވައި، ދެ ޤައުމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1968 ވަނަ އަހަރުއެވެ. މިއަދު ފާހަގަކުރެވުނީ މެލޭޝިއާގެ 67 ވަނަ މިނިވަން ދުވަހެވެ.



