ޖެނިންގައި އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރަކު ޝަހީދު ކޮށްލައިފިއެވެ.

ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާގައި ޝަހީދުވީ ހަމާސްގެ އިސް ކޮމާންޑަރެއް ކަމަށްވާ ވަސީމް ހާޒިމްއެވެ. ހަމާސްގެ އިތުރު ދެ ހަނގުރާމަވެރިންނާ އެކު ހާޒިމްއަށް ހަމަލާ އަމާޒުކުރީ އެމީހުން ވެހިކަލެއްގައި ދަތުރުކުރަމުން ދަނިކޮށް އިސްރާއީލުގެ އަސްކަރީ ޑްރޯން އަކުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހަމާސްއިން ކަށަވަރުކޮށްދިން ގޮތުގައި އެ ތިން މީހުންނަކީ އެގައުމުގެ އަލް ގައްސާމް ބްރިގޭޑްތަކުގެ މެމްބަރުންނެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް އެމްބިއުލާންސްތައް އެތަނަށް ދިއުމަށް ހުރަސް އަޅާފައިވާއިރު، ސިފައިން ވަނީ ޝަހީދުވި ހަނގުރާމަވެރިންގެ ހަށިގަނޑުތައް ގެންގޮސްފަ އެވެ. ޖެނިންގައި އިސްރާއީލުން ހަމަލާތައް ދެމުން ދަނީ ހެލިކޮޕްޓަރުތަކާއި ޑްރޯންތަކުންނެވެ. ޝަހީދުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އޭގެތެރޭގައި ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންގެ ގިނަ ބަޔަކު ހިމެނޭ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.