ކ. ތުލުސްދޫގައި އިއްޔެ ނިމިގެންދިޔަ ދިވެހި ސާފިން ލީގުގެ ރަނދާ ރާޅުގަނޑު އިވެންޓުގެ ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ހޯދައިފި އެވެ. އަދި ޖޫނިއާ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފައިވަނީ މުހައްމަދު އިނާން އަބްދުލް ހައްނާނެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން އޮގަސްޓް 27 އިން އިއްޔެއާ ހަމައަށް ބޭއްވުނު މި މުބާރާތުގައި ފިރިހެން އޯޕަން ކެޓަގަރީގައި 26 އެތުލީޓުންނާއި ޖޫނިއާ ކެޓަގަރީގައި 7 އެތުލީޓުން ވާދަކުރިއެވެ.
ފިރިހެން އޯޕަން ކެޓަގަރީގައި ކުޑަ އިއްސެ 15.67 ޕޮއިންޓް ހޯދައިގެން އެންމެ މަތީ ވަނަ ހޯދިއިރު، ދެވަނައަށް އައި އަހުމަދު އާގިލް (އަންމަޑޭ) ހޯދީ 11.36 ޕޮއިންޓެވެ. ޖޫނިއާ ކެޓަގަރީގައި އިނާން 14.67 ޕޮއިންޓް ހޯދައިގެން އެންމެ މަތީ ވަނަ ހޯދިއިރު، ދެވަނައަށް އައި ކަޔާން އަބްދުﷲ އަރީފް ހޯދީ 14.00 ޕޮއިންޓެވެ.
މި މުބާރާތާ ގުޅިގެން މިހާރުގެ ލީގު ސްޓޭންޑިންގްގައި އޯޕަން ކެޓަގަރީގައި ކުޑަ އިއްސެ ވަނީ 1340 ޕޮއިންޓާއެކު 5 ވަނައަށް އަރައިފައެވެ. އަދި ޖޫނިއާ ކެޓަގަރީގައި އިނާން ވަނީ 1860 ޕޮއިންޓާއެކު 1 ވަނައިގައި ހިފަހައްޓައިފައެވެ.



