ވިދިވިދިގެން ދެވަނަ ފަހަރަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ދީމާ ހޯދައިފިއެވެ.
މި މުބާރާތުގައި ދީމާ ވަނީ 19 އަހަރުންދަށުގެ ޗެމްޕިއަންކަމާއި މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
ފައިނަލްގައި ދީމާ ވަނީ، ލޯކަލް މުބާރާތްތަކުގައި އޭނާގެ އެންމެ ވާދަވެރި ދަރިވަރު ކަމުގައިވާ އާއިޝަތު ރާފާ ނާޒިމް ބަލިކޮށްފައެވެ.
މީގެ އިތުރުން، ދީމާ ވަނީ 19 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. މި އުމުރުފުރާގެ ފައިނަލުގައި އޭނާ ވާދަކުރީ މަލާކް ބިންތި މުއިއްޒުއާ ދެކޮޅަށެވެ. އަދި ހަމަ މި އުމުރުފުރާގެ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ވެސް އަޚްޔާރު އަހްމަދު ޚާލިދާ އެކު ހޯދާފައިވެއެވެ. މި އިވެންޓުގެ ފައިނަލުގައި އަޚްޔާރު އަހްމަދު ޚާލިދާއި ދީމާގެ ޖޯޑާއި ދެކޮޅަށް ވާދަކުރީ ޒީކް ހަސަން ލަތީފާއި މިންހާ މަހްޖޫބް ޝުޖާއުގެ ޖޯޑެވެ.
އޯޕަން ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މޫސާ މުންސިފް އަހްމަދެވެ. މީގެ އިތުރުން މުންސިފް ވަނީ އަލީ އާދަމް މަނިކާއެކު ޑަބަލްސް ޗެމްޕިއަންކަމާއި، ރަފާއާއެކު އޯޕަން މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
ދެން އޮންނާނީ އެސޯސިއޭޝަން ކަޕަށްފަހު ގައުމީ މުބާރާތެވެ. އެއާއެކު މިއަހަރުގެ ޓޭބަލް ޓެނިސް ސީޒަން ނިމުމަކަށް އަންނާނެއެވެ.



