ނިއު ޒިލެންޑުގެ މައޮރީ ދަރިކޮޅުގެ ރަސްގެފާނު ޓޫހެއިޓިޔަ ޕޯތަތައު ތެ ފެރޮފެރޮ ހަތްވަނަ 69 އަހަރުގައި އަވަހާރަވެއްޖެއެވެ. 18 އަހަރު ދުވަހު ރަސްކަން ކުރެއްވި ޓޫހެއިޓިޔަ އަކީ ރަމްޒީ މަޤާމެއް ކަމުގައިވާ ރަސްކަމުގެ އިތުރުން ކިންގީތަންގާ ހަރަކާތުގެ އިސްވެރިޔާގެ މަޤާމުވެސް ފުރުއްވި ބޭފުޅެކެވެ.
މައޮރީ ދަރިކޮޅުގެ ރަސްކަމާ ޓޫހެއިޓިޔަ ހަވާލުވެ ވަޑައިގަތީ, މަންމާފުޅު އަދި ރާނީ ދައެމް ތެ އަތައިރަނގުކާހޫ އަވަހާރަވުމާ ގުޅިގެން 2006ވަނަ އަހަރުއެވެ.
ރަސްގެފާނު އަވަހާރަވުމާއި ގުޅިގެން ނިއު ޒިލެންޑުގެ ބޮޑުވަޒީރާއި އިނގިރޭސިވިލާތުގެ ރަސްގެފާނު ތަޢުޒިޔާ ދަންނަވައިފިއެވެ. އަދި ނިއު ޒިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޖަސިންދާ އާޑަރންވެސް ތަޢުޒިޔާ މެސެޖެއް ފޮނުއްވާފައިވެއެވެ.
ޖަސިންދާ އާޑަރން ވިދާޅުވެފައިވަނީ ރަސްގެފާނު ޓޫހެއިޓިޔައަކީ މައޮރީ ދަރިކޮޅުގެ ޙައްޤުތައް ޙިމާޔަތްކުރައްވައި، ހަމަހަމަކަމާއި އިންސާފު ދަމަހައްޓަވައި، ތަރައްޤީއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ލާމަސީލު ބޭފުޅެއް ކަމުގައެވެ. ރަސްގެފާނު ޓޫހެއިޓިޔަ މައޮރީ ސަގާފަތާއި އާދަކާދަ ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
ރަސްގެފާނު ޓޫހެއިޓިޔަ ފަސްދާނުލެވޭނީ އެމަނިކުފާނުގެ އުފަން ރަށުގައެވެ. ޖަނާޒާގެ ރަސްމިއްޔާތު 5 ދުވަހަށް ދެމިގެންދާނެ ކަމަށް ނިއު ޒިލެންޑުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.



