ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ޤައުމުގައި ހުރި ހުރިހާ މައްސަލަތަކަށް ހައްލު ގެނައުމަށް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަދު ބޭއްވުނު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 29 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ތަމްރީން ޕްރޮގްރާމް 36 އޮފިސަރުން ވަނީ ފުރިހަމަކޮށްފައެވެ.
ޤައުމު ތަރައްޤީކުރުމުގެ މަސައްކަތުގައި ހުރިހާ މުއައްސަސާތަކުން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރަޙައްދީ ފެންވަރުގައި ކުރިއަރާފައިވާ ޤައުމަކަށް ދިވެހިރާއްޖެ ވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަސާސީ ތަމްރީނަކީ 3 މަސްދުވަހުގެ ކޯހެކެވެ. މި ކޯހުގައި 8 މޮޑިއުލް ކިޔަވައިދެވުނެވެ. އޭގެ ތެރޭގައި ހެލްތް އެންޑް ސޭފްޓީ މެނޭޖްމަންޓް، ލީޑަރޝިޕް ހުނަރުތައް، ބާރުގެ ބޭނުންކުރުން، އެމަޖެންސީ ހާލަތުގައި ފުރަތަމަ އެހީ، އަލިފާނުގެ ހާދިސާގައި ޢަމަލުކުރާނެ ގޮތް، ގައިދީން ފާސްކުރުން، ޖަލުގެ ސެކިއުރިޓީ އަދި ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިކުރުވުން ހިމެނެއެވެ.
މި ކޯހުގެ އެންމެ މޮޅު އޮފިސަރަކީ ޕްރިޒަން ޕްރައިވެޓް އަޙްމަދު އަމާންއެވެ.
"މިއަދު ޤައުމު އައިސް މިއޮތް ހިސާބުން ތަމްރީންގައި ތިޔަކުދިންނަށް ހަމައެކަނި ކުޑަކުޑަކަމެއް އަޅުގަނޑު ދަންނަވާލާނަން ފައިތިލަ ސާބިތުކުރުމަށް އެތިކްސް، ޑިސިޕްލިން، ލައިފްސްކިލްސް، ޖެނެރަލް ނޮލެޖް އަދި ކަމާބެހޭ ފަންނީ އެކިއެކި ކަންކަން ދަސްކުރަމުން ދިޔައިރުގައި އަޅުގަނޑުމެން މިއަދު ފިލާވަޅު މުޅި ދައުލަތް ނަގަން މިޖެހެނީ ހުރިހައި މުވައްސަސާތަކެއް ޤައުމު ބިނާކުރުމުގައި އެއް އަމާޒަކަށް ގެންދިއުމުގައި އެއްވަރެއްގައި ފައިތިލަ ސާބިތުކުރަން ޖެހޭކަން" ވަޒީރު ސައީދު ވިދާޅުވިއެވެ.



