ސްކޮޓްލެންޑްގެ މަޝްހޫރު ޑީޖޭ ކެލްވިން ހެރިސް، ބްރެޒިލްގެ ސައު ޕައުލޯގައި ބޭއްވި ޑީޖޭ ޝޯއަކަށް 1.6 މިލިއަނަށްވުރެ ގިނަ މީހުން އެއްކޮށްގެން ގިނިސް ވޯލްޑް ރެކޯޑެއް ގާއިމުކޮށްފިއެވެ.
ހެރިސްއަށް މި ރެކޯޑު ލިބިފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު އޭނާ ދިން ޕާފޯމަންސަކަށް، އެކަނި ހުރި އާޓިސްޓެއްގެ ޑީޖޭ ސެޓަކަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރުމުގެ ސަބަބުންނެވެ. މި ޝޯގެ ކާމިޔާބީ ފާހަގަކުރަމުން ކެލްވިން ހެރިސް ސޯޝަލް މީޑީއާގައި ބުނެފައިވަނީ މިއީ ހަމައެކަނި ބްރެޒިލްގައި ނޫނީ ފެނިގެން ނުދާނެ ފަދަ އާދަޔާހިލާފު މަންޒަރެއް ކަމަށެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން ހާމަކޮށްފައިވާގޮތުގައި، ހެރިސް ޕާފޯމްކޮށްފައިވަނީ ކާނިވަލް ފްލޯޓެއްގެ މަތީގައި ހުރެގެންނެވެ. އަދި މަގުތައް ފުރިބާރުވެ، އެ ސަރަހައްދުގެ މަގެއް ކަމަށްވާ 'ރޫއާ ދަ ކޮންސޮލަސައޮ' ވަނީ މި ހަރަކާތަށް ބަންދުކޮށްފައެވެ. އަދި މޫސުން ހޫނުވުމުގެ ސަބަބުން ބައެއް މީހުން ހޭނެތިގެން ވެއްޓުނު ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މީގެ ކުރިންވެސް ހެރިސްއަށް ވަނީ އެހެނިހެން ބައެއް ރެކޯޑުތަކުގެ ޝަރަފު ލިބިފައެވެ. އެގޮތުން 2014 ވަނަ އަހަރު، އޭނާގެ '18 މަންތްސް' އަލްބަމުން އެންމެ ގިނަ ޔޫކޭ ޓޮޕް 10 ލަވަ ހިމެނުނު އާޓިސްޓުގެ މަގާމު އޭނާ ހޯދާފައިވެއެވެ. އަދި 2015 ވަނަ އަހަރުގެ ޖޫން އިން ފެށިގެން 2016 ވަނަ އަހަރުގެ ޖޫން އާއި ދެމެދު އެންމެ ބޮޑު އާމްދަނީއެއް ހޯދި ޑީޖޭގެ ގޮތުންވެސް ރެކޯޑު ހަދާފައިވެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން ފާހަގަކޮށްފައިވާގޮތުގައި، ސައު ޕައުލޯގެ މި ބޮޑު އެއްވުމަކީ 2024 ވަނަ އަހަރުގެ މެއި މަހު ރިއޯ ޑި ޖެނެއިރޯގެ ކޮޕަކަބާނާ ބީޗުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ ބޭއްވި ހިލޭ ކޮންސެޓަށް ޖަމާވި މީހުންގެ އަދަދާ އެއްވަރުގެ ބޮޑު އެއްވުމެކެވެ.



