އިއްޔެ ޔަމަނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރަމުންދިޔަ ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއިން އެ އުޅަނދު ސަލާމަތް ވެއްޖެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ކަނޑުމަތީ ވިޔަފާރީގެ އިދާރާއިން ބުނީ މި ހާދިސާ ހިނގީ ޔަމަނުގެ އަދަނުން 130 ނޯޓިކަލް މޭލު ދުރުގައެވެ. މިހާދިސާގައި ބޯޓަށްވެސް އަދި ފަޅުވެރިއަކަށް ވެސް އެއްވެސް ގެއްލުމެއް ނުވާކަމަށް އެމީހުންނާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.
ފާއިތުވި މަސްތަކުގައި، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ރަތް ކަނޑާއި އަދަން ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ޑްރޯންތަކާއި މިސައިލްތަކުން ހަމަލާދެމުން ދަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާގައި ހުޅަނގާއި އެމެރިކާއިން އެހީތެރިވާތީއެވެ. އެހެންކަމުން ރަތްކަނޑާއި އަދި ވަށައިގެންވާ އެސަރަހައްދުގައި ހޫޘީން ހަމަލާ ދެނީ ހަމައެކަނި އެމެރިކާ އާއި އިނގިރޭސީވިލާތް އަދި އިސްރާއީލާއި ގުޅުންހުރި ބޯޓުފަހަރުތަކަށް އެކަންޏެވެ.
ހޫޘީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.
ރަތް ކަނޑަކީ ދުނިޔޭގެ ވިޔަފާރިއަށް ޚާއްސަކޮށް ޔޫރަޕާއި އެމެރިކާއަށް މުހިންމު ކަނޑުގެ މަގެއް ކަމުގައި ވާއިރު، މިއީ މެޑިޓެރޭނިއަން ކަނޑާއި އިންޑިއާ ކަނޑާ ސުއޭޒް ކެނަލް މެދުވެރިކޮށް ގުޅުވާލާ މަގެކެވެ. މި މަގުގެ ސަބަބުން އޭޝިއާ، މެދުއިރުމަތި، ޔޫރަޕް، އަދި އުތުރު އެމެރިކާއާ ދެމެދު މުދާ ގެންދިއުމުގައި މަގު ކުރެވެ. ހޫޘީން ޖެއްސުންކުރާތީ ހުޅަނގުގެ ބޯޓުތަކަށް މިޖެހެނީ އެފްރިކާ ވަށައިގެން ދަތުރު ކުރާށެވެ. އެކަމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކަށް މުދާ ގެންދެވޭނީ ގިނަ ދުވަހުންނެވެ. ދަތުރު ދިގުވީމައެވެ. މިކަމުގެ ސަބަބުން ތެލަށް ކުރާ ޚަރަދު ދެގުނަ ބޮޑުވެއެވެ. އެހެންކަމުން މުޅި ޔޫރަޕްގައި ވަނީ ތަކެތީގެ އަގު އުފުލިފައެވެ.



