އަލީ ފަހުމީގެ ވާދައިގެ ތަށްޓަށް، ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށްދާނީ މައިގަނޑު ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ. އޮފީސްތަކުގެ ބައިގައި ވުޒާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކާއި އޮފީސްތަކަށް ވެސް ބައިވެރިވެވޭނެއެވެ.
މުބާރާތުގައި ވާދަކުރަންޖެހެނީ ތިން ބަޔަކުންނެވެ. އެއީ ރީތިލިޔުމާއި، އަވަސްލިޔުމާއި، އަދި އަތްތެރިލިޔުމެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މި ތިން ބައިގެ ތެރެއިން ކޮންމެ ބަޔަކަށް ވެސް ގިނަވެގެން 5 މުވައްޒަފުން ބައިވެރިކުރެވޭނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން މައުލޫމާތުދެއެވެ. އަދި އަމިއްލަ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވެވޭނީ 2025 ޑިސެންބަރު 31 ގެ ނިޔަލަށް 18 އަހަރު ފުރިފައިވާ މީހުންނަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2026 އޮކްޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހަޅަންވާނެ ކަމަށް އެކެޑަމީން މައުލޫމާތުދެއެވެ.
މުބާރާތާ ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން mubaaraai@dba.gov.mv އަށް މެއިލް ކުރުމުން ލިބޭނެއެވެ. މީގެއިތުރަށް މުބާރާތުގެ ގަވާއިދާއި ލިޔެކިޔުންތައް ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އިތުރު މައުލޫމާތު 7772816 ނަންބަރުން ވެސް ލިބޭނެ ކަމަށް އެކެޑަމީން ބުނެފައިވެއެވެ.




