މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ފުރިހަމައަށް މިނިވަން ޝަރުޢީ ދާއިރާއެއް އޮތުން ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަކީ ޝަރުޢީ ދާއިރާގެ މިނިވަންކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ޤާނޫނަށް ބަދަލުގެނެސް ޝަރުޢީ ދާއިރާ އިތުރަށް މިނިވަންކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ބޭނުންވަނީ ކޮންމެ މީހަކާ ދޭތެރޭގައިވެސް އިންސާފުން ކަންތައްތައް. ބޭއިންސާފުން އެއްވެސް މީހަކާދޭތެރޭގައި ޝަރީއަތެއް ކުރެވިގެންނުނާވެ. ބޭއިންސާފު ހުކުމެއް ކޮށްގެން ނުވާނެ. ޖުޑީޝަރީ ވާންޖެހޭނީ ހުރިހާ ގޮތަކުން މިނިވަންތަނަކަށް. ސަރުކާރުން ނުފޫޒު ފޯރުވައިގެން ނުވާނެ. އަދި ޝަރީއަތް ކުރިއަށްދާ މީހާގެ ފަރާތުންވެސް ނުފޫޒު ފޯރުވައިގެން ނުވާނެ،" ރައީސް މުއުއިޒް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެން ދެކެވޭ ބައެއް ވާހަކަތަކަށްވެސް ރައްދު ދެއްވާފައިވެއެވެ. އެގޮތުން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޖާސޫސް ކުރުމަށް ފައިސާ ލިބިވަޑައިގަތްކަމަށް ދެކެވޭ ވާހަކަތަކާއި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ ބައްދަލު ކުރެއްވިކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ދޮގުކުރައްވާފައެވެ.



