ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވާނެ ކަމަށާއި އިޤްތިޞާދީ ބިންގާ ރަނގަޅަށް އެޅެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަންގު ޓީވީ އަށް ދެއްވި ޚާއްޞަ އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ވެރިކަމަށް ވަޑައިގެން ފުރަތަމަ 4 ހަފްތާގައި ފައިސާ ޗާޕުކުރުން ހުއްޓާލާފައިވެއެވެ. އަދި ޑޮލަރު އިތުރުކުރުމަށް ޤާނޫނީ އަދި ނިޒާމީ ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރިޒާވް ވަރުގަދަވާނެ ކަމަށް ފާހަގަކުރެއްވިއެވެ. ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ ދައުލަތުގެ މާލީ މައްސަލަތަކުގެ ޙައްލެއްކަމަށް ސަރުކާރުން ދެކޭކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތްތެރިންނާއި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް 2 މަހުގައި ބަހާލައިގެން ދޭނެ ކަމަށާއި ނޮވެންބަރު މަސް ނިމުމުގެ ކުރިން ނުދެވިހުރި ފައިސާ ދިނުމަށް ސަރުކާރުން އަމާޒު ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިންނަށް މިހާތަނަށް ބިލިއަނެއްހައި ރުފިޔާ ދެވިފައިވާ ކަމަށާއި މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް އިތުރު ފެކްޓްރީތައް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
"އިނީޝިއަލް ސްޓޭޖެއްގައި ސަރުކާރެއްގެ ތެރޭގައި ، ސަރުކާރެއް ހިނގުމަށް އުޅެފަހުރި ކޮންމެ ބޭފުޅަކަށް އެނގިލައްވާނެ، އިނިޝިއަލް ސްޓޭޖްގައި ވަރަށް ގިނަ ވަގުތު ދާކަން، ޕްރިލިމިނަރީ ސްޓޭޖް ހެން ގޮސް ބައިވަރު ސްޓޭޖްތަކުން ގޮސް ފައިނޭސްއިން ހަމަޖެހިގެންގޮސް ގިނަފަހަރު ހަމަ އަހަރެއްހައި ދުވަސް ގޮސްގެން ބޮޑެތި މަޝްރޫއުތައް މި ފެށެނީ، ބިހައިންޑްދަ ސީންގައި ވަރަށް ގިނަ މަސައްކަތްތައް އެބަ ހިނގާ ، އަޅުގަނޑުމެން ކުރި ދަތުރު ތަކުގެ ނަތީޖާއަކީ ވެސް އެއީ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެއަރޕޯޓާއި ރިސޯޓުތަކުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށާއި ހައުސިންގ މަޝްރޫޢުތަކަށް ޗައިނާއާއި އިންޑިއާއިން ގިނަ ފުރުސަތުތަކެއް ލިބެމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މާލޭގެ މަގުތަކުގެ މައްސަލަ ހައްލުކުރުމަށް ޗައިނާގެ އެހީގައި ބޮޑު މަޝްރޫޢަކަށް ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިފާޢީ ދާއިރާއާއި އެހެނިހެން ދާއިރާތަކާ ގުޅޭ މުހިންމު މަޝްވަރާތައް ކުރެވި، އެކަންކަން ކާމިޔާބު ކަމާއެކު ނިންމާލެވުނެވެ. މީގެ އިތުރުން، މި މަޝްވަރާތަކުގެ ތަފްސީލީ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.



