އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ޚަރަދު ނުކުރައްވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ޢަމަލުކުރައްވާނީ އެގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ، އަމިއްލަ ޚަރަދުތަކަށް ދައުލަތުގެ ފައިސާ ބޭނުންކުރެވޭނެ ކަމަށް އުސޫލުގައި އޮންނަ ނަމަވެސް، އެފަދަ ޚަރަދުތައް އެމަނިކުފާނު އެހެން ނުކުރައްވާ ކަމަށެވެ. ނިމިދިޔަ ހަފްތާގައި ސިންގަޕޫރަށް ކުރެއްވި އަމިއްލަ ދަތުރުފުޅާ ގުޅިގެން އެކި ފަރާތްތަކުން ސުވާލު އުފެއްދި ނަމަވެސް، އެ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ވެރިކަމަށް ވަޑައިގެން މުލިއާގޭގެ މަރާމާތުގެ މަސައްކަތް ނިމެންދެން ދިމްޔާތުގައި ހުންނެވި މުއްދަތުގައިވެސް ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ. މުލިއާގޭ ބަޖެޓުން ޚަރަދުކުރެއްވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީސްމީޑިއާގައި ތަފާތު ތުހުމަތުތަކެއް ކުރެއްވި ކަމަށާއި، ނަމަވެސް އެއީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


