އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްދިނުމަށް އެދި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މެސެޖު ކުރައްވައި އާދޭސް ދެންނެވި ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ފޮނުއްވި މެސެޖުތައް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފޯނުގައި ޑިލީޓް ނުކުރައްވާނަމަ މިހާރުވެސް ހުންނަން ޖެހޭނެ ކަމަށެވެ
އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިމަތިވި ގޮންޖެހުންތަކުގައި، ޔާމީނުގެ ދިފާޢުގައި ސާބިތުކަމާއެކު ދެމިހުންނެވިކަމަށާއި، ޔާމީން މިނިވަންކުރުމަށް މަސައްކަތްކުރުން ފިޔަވައި އިތުރު އެހެން އެއްވެސް ވިސްނުމެއް އޭރުގައި ނެތްކަމަށެވެ.
މީގެ އިތުރުން، ޕީޕީއެމްގައި ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯއްދަވައިދިނުމަށް އިސްދައުރެއް އަދާކުރައްވާނެ ކަމަށްވެސް އޭރުގައި ވަޢުދުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޔާމީން ޖަލަށް ގެންދެވުމަށްފަހުވެސް، އެމަނިކުފާނު މިނިވަންކުރެއްވުމަށް އެހެން ލީޑަރުންނާއެކު މަސައްކަތްކުރެއްވި ކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުން ފުރަތަމަ ޖަލު ހުކުމުން ސަލާމަތްވީ ދުވަހުގައިވެސް ހީނުކުރާ ކަހަލަ އުފާވެރި އިހުސާސްތަކެއްވީ. އެ އިމޯޝަންގެ ތެރޭގައި އަޅުގަނޑުމެން އެހާ ދުވަހު އުޅެފި. ދެވަނަ ފަހަރު އަނެއްކާވެސް ޖަލަށް ގެންދިޔައީ. ދެން އަޅުގަނޑުމެން މަސައްކަތް ކުރީ އެމަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ. އިބާރާހީމް މުހައްމަދު ސޯލިހްގެ ފޯނުގައި ޑިލީޓު ނުކުރައްވަންޏާ ހުންނާނެ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް. ބެލޭނެކަމެއް ނޭންގެ. މާތު ރަނގަޅު ކަންނޭގެ އިބްރާހިމް މުހައްމަދު ސޯލިހްއާއި ސުވާލުކޮށްލަން އަޅުގަނޑު ފޮނުވި ކިތައް މެސެޖު އެބައޮތްތޯ". ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރައީސް ޔާމީން ރޯދަމަހަށް ދޫކޮށްލުމަށާއި، ދަރިފުޅުގެ އޯލެވެލް އިމްތިޙާނާ ގުޅިގެން ވަގުތީގޮތުން ގެއަށް ގެނައުމަށް އާދޭސްކުރައްވައި ތަކުރާރުކޮށް މެސެޖު ކުރެއްވިއެވެ. އަދި ގިނަ ވަޒީރުންނަށްވެސް މެސެޖު ކުރެއްވި ކަމަށާއި، ރައީސްގެ ފެންވަރުގައި އަދި ޕާޓީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



