ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަންވެއްޖެނަމަ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޔާމީން ކަމަށް ސެނެޓު ތެރޭގައި ވިދާޅުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިޒު ވިދާޅުވެއްޖެެއެވެ. މިކަން ރައީސް މުއިއްޒު ހާމަކުރެއްވީ ސަންގު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ޔާމީންގެ ހައްގު ބޭނުންފުޅު ނުވާ ކަމަށާއި، ޕާޓީ ލީޑުކުރައްވަން ޖެހޭނީ ޔާމީން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ޔާމީނަށް ފުރުސަތު ބަންދުވުމުން، ގައުމާއި ޕާޓީއަށް ވެރިކަން ހޯދުމަށް ރައީސް މުއިއްޒު ކުރިއަށް ވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ.
“އިންތިހާބު ކާމިޔާބުވުމާއި ގުޅިގެން އަޅުގަނޑު މުޅި ގައުމާ މުހާތަބުކޮށް ބޭއްވި ފުރަތަމަ ޕްރެސްގައި އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލީ މަނިކުފާނުގެ ގާނޫނީ ބާރުގެ ތެރެއިން މަނިކުފާނަށް އޮތް ފުރުސަތެކޭ އެމަނިކުފާނު )ރައީސް ޔާމީނު) ގެޔާއި ހަމައަށް ގެނެސްދިނުމަކީ. މިނިވަން ކުރެވޭނީ ކޯޓަކުން. ގެޔަށް ގެނެވޭނެ. އެއީ ހަމަ އެންމެނަށް ފެންނާން އޮންނާނެ އެއްޗެށް” ރައީސް ވިދާޅުވިއެވެ.
އިންޓަވިއުގައި ރައީސް މުއިއްޒު ހާމަކުރެއްވި ގޮތުގައި، އިންތިޚާބުވުމަށްފަހު، ޔާމީނާއި ބައްދަލުކުރުމަށް ރައީސް މަސައްކަތްކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ހިތްހިޔަތް ސާފުކަމަށް ވެސް ވިދާޅުވިއެވެ.



