އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅިގެން ޙުކުމްކުރި އަޙްމަދު އަދީބުގެ އަތުން ދުވަހަކުވެސް ފައިސާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށާއި، އަދި އެނޫން މީހެއްގެ އަތުންވެސް ފައިސާ ލިބިވަޑައިގެންފައި ނުވާއިރު، އަދީބުއާއި ވަކި ޚާއްޞަ ގުޅުމެއް ދުވަހަކުވެސް ނޯންނަ ކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ އަދީބު ނައިބުރައީސަކަށް ވިފަހުން ދުވަހަކުވެސް އެމަނިކުފާނު އަދީބުއާއި ބައްދަލު ނުކުރައްވާ ކަމަށެވެ. އަދި އަދީބު ރާއްޖެއިން ފުރައިގެން ދިޔުމާއި ހަމަޔަށްވެސް ބައްދަލު ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.
"އެއްވެސް އިރަކު ނުހުންނާނެ ނައިބު ރައީސަކަށްވި ފަހުން ވެސް ނުހުންނާނެ މީޓެއްކޮށްފައެއް.. ވަކިން މީޓު ކުރަން ވެސް ނާންގަވާ.. ދެން އެހެން އޮއްވައި ބޮން ގޮއްވުމުގެ ހާދިސާ ހިނގީ" ރައީސް ވިދާޅުވިއެވެ.
ސަންގު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަޙްމަދު އަދީބު މެދުވެރިކޮށް ލިބުނު ކަމަށް ކުރެވޭ ތުހުމަތުތައް ކުރައްވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ.



