ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން، ސިއްހީ މައްސަލަތަކާ ގުޅިގެން ހަ އަހަރު ދުވަހު ލަވަކިޔުމާ ދުރުގައި ހުރުމަށްފަހު، ޖަޒުބާތުން ފުރިގެންވާ ހުށަހެޅުމަކާއެކު ޕެރިހުގެ ސްޓޭޖަށް އަލުން އެނބުރި އަތުވެއްޖެއެވެ.
އުމުރުން 58 އަހަރުގެ ސެލީން، 2022 ވަނަ އަހަރު ނާރުގެ ނާޒުކު ބައްޔެއް ކަމަށްވާ "ސްޓިފް-ޕާސަން ސިންޑްރޯމް" ޖެހުމާއި ގުޅިގެން ސްޓޭޖާ ދުރުގައި ހުރުމަށްފަހު، ޕެރިސް ލަ ޑިފެންސް އެރީނާގައި 30,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ބޭއްވި މި ކޮންސެޓަކީ، ކުރިއަށް އޮތް ސެޕްޓެމްބަރ، އޮކްޓޯބަރ އަދި އާ އަހަރާ ހަމައަށް ކުރިއަށްދާ 26 ޝޯގެ ބޮޑު ރެޒިޑެންސީއެއްގެ ފެށުމެވެ.
މި ޝޯގައި ވާހަކަދައްކަމުން އޭނާ ވެފައިވާ ވައުދާ އެއްގޮތަށް އަލުން ސްޓޭޖަށް އެނބުރި އާދެވުނުކަން ފާހަގަކޮށް، ސަޕޯޓަރުން މަތިން ވަރަށް ބޮޑަށް ހަނދާންވި ކަމަށް ބުނެފައިވެއެވެ. ފާޑުކިޔުންތެރިން ފާހަގަކޮށްފައިވާ ގޮތުގައި ޝޯގެ ފުރަތަމަ ކޮޅު އޭނާގެ އަޑު ތަންކޮޅެއް ނާޒުކުވި ނަމަވެސް، ޝޯ ކުރިއަށްދިޔަ ވަރަކަށް އަޑު ވަރުގަދަވެގެންދިޔައެވެ. އަދި މިއީ އަސަރުގަދަ އަދި ޖަޒުބާތުން ފުރިގެންވާ ހުށަހެޅުމެއް ކަމަށް ބުނެ 'ދަ ޓެލެގްރަފް' އަދި 'ދަ ޓައިމްސް' ފަދަ ނޫސްތަކުން ތައުރީފުކޮށްފައިވެއެވެ.
ސެލީންގެ މި އެނބުރި އައުމާ ގުޅިގެން ޕެރިހުގެ އެކި ކަންކޮޅުތަކުގައި އުފާފާޅުކުރުމުގެ ހަރަކާތްތައް ވަނީ ފަށާފައެވެ. އެގޮތުން، ކަރޯކޭ އިވެންޓްތަކާއި، ސީން ކޯރުގައި ޓްރިބިއުޓް ކްރޫޒްތައް ބާއްވަމުންދާއިރު، މި ޝޯތަކަށް އޮތް ޑިމާންޑް ބޮޑުކަމުން 9 މިލިއަނަށްވުރެ ގިނަ މީހުން ޓިކެޓް ހޯދުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 2027 ވަނަ އަހަރުގެ މޭ މަހަށް އިތުރަށް އިއުލާނުކުރި ޝޯތަކުގެ ޓިކެޓްތައްވެސް މިހާރު ވަނީ މުޅިން ވިކި ހުސްވެފައެވެ.



