ކަނޑުމަތީގެ ރައްކާތެރިކަމާއި ފުރާނަ ސަލާމަތްކުރުމުގެ ހުނަރު ޒުވާނުންނަށް ދަސްކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ހިންގާ ފުރަތަމަ މޯލްޑިވްސް ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމް (އެމް.ޖޭ.އެލް.ޕީ) ކ. ތުލުސްދޫގައި ރަސްމީކޮށް ފަށައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 12 އިން 14 އަށް ކުރިއަށްދާ މި ތިން ދުވަހުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ހާނިމެވެ. އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭ.އެމް.އެފް.އޭ) އާއި ވޯޓަރ ޕެޓްރޯލް އޮސްޓްރޭލާ ގުޅިގެން އިންތިޒާމުކޮށްގެން ހިންގާ މި ޕްރޮގްރާމަކީ 11 އަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތަކަށްވާއިރު، ކޮންމެ ސަރަހައްދަކުންވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 24 ކުދިންނަށެވެ.
ތުލުސްދޫގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކަނޑުމަތީގެ ނުރައްކާތައް ދެނެގަންނާނެގޮތާއި، މޫދުގެ ސަލާމަތާއި، ފުރަތަމަ އެހީއާއި ސީ.ޕީ.އާރު ދޭނެގޮތުގެ އިތުރުން ލީޑަޝިޕާއި ޓީމްވަރކް އަދި މެރިން އެންވަޔަރަންމަންޓަށް އިހްތިރާމުކުރާނެގޮތްތައް އަމަލީގޮތުން ދަސްކޮށްދޭނެއެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކުދިންނަށް އަމިއްލަ ގާބިލުކަން ހުރިމިންވަރު ދެނެގަނެ، ކުއްލި ހާލަތްތަކުގައި ރައްކާތެރިކަމާއެކު އަމަލުކުރާނެގޮތްތައް ދަސްކޮށްދޭ ފަދަ އަމަލީ ހަރަކާތްތަކެއް ހިމަނައިގެންނެވެ.



