ބޮލީވުޑްގެ މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ އަރިޖިތް ސިންގް، 10 އަހަރަށްފަހު މެލޭޝިޔާގައި ކޮންސަޓެއް ދޭން ތައްޔާރުވަމުންދާކަން އިއުލާނުކޮށްފިއެވެ. މެލޭޝިޔާއަކީ ބައިނަލްއަޤްވާމީ ކޮންސަޓްތަކުގެ މުހިންމު މަރުކަޒަކަށް ވެފައިވާއިރު، އަރިޖިތްގެ މި ކޮންސަޓަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ކޮންސަޓެކެވެ.
އެގޮތުން، މި ކޮންސަޓު ބާއްވަން ހަމަޖެހިފައިވަނީ ، 16 ނުވެންބަރު 2024 ގައިއެވެ. އަރިޖިތް ސިންގް އެންމެ ފަހުން މެލޭޝިޔާގައި ޕަރފޯމްކޮށްފައިވަނީ 2013 ވަނަ އަހަރު ޝާހްރުކްޚާންއާ އެކުގައެވެ. ހިޓްމޭން ސޮލިއުޝަންސްގެ ސީ.އީ.އޯ ވިދާޅުވެފައިވާ ގޮތުގައި އަރިޖިތްގެ ކުރީގެ ކޮންސަޓަށް ގިނަ ބަޔަކު ހާޒިރުވެފައިވެއެވެ.
އަރިޖިތް ސިންގްއަކީ މެލޭޝިޔާގެ މީހުނަށް ނަން މަޝްހޫރު، މަޤްބޫލު ލަވަކިޔުންތެރިއެކެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ތުމް ހީ ހޯ" އަދި "ޗަންނާ މެރެޔާ" ފަދަ ލަވަތައް ހިމެނެއެވެ.
އަރިޖިތް ސިންގްގެ މިއުޒިކް ކެރިއަރ ފެށުނީ 2005 ވަނަ އަހަރު "ފޭމް ގުރުކުލް" ޝޯއިންނެވެ. އޭނާ 2010 ގައި "ކެޑީ" ފިލްމުން ޕްރޮފެޝަނަލް ކެރިއަރ ފަށައި، 2011 ގައި "މާޑަރ 2" ފިލްމުން ބޮލީވުޑަށް ތަޢާރަފުވިއެވެ. އޭނާ "ބަރްފީ" ފިލްމުގެ ލަވަތަކަށް މިރްޗީ މިއުޒިކް އެވޯޑް ހޯދައި، "އާޝިޤީ 2" އިން ގިނަ އެވޯޑުތައް ހޯދައި މަޝްހޫރުވިއެވެ.
އަރިޖިތްގެ މަޤްބޫލުކަން އިތުރުވީ ފަހަކަށްއައިސް އޭނާ ސްޕޮޓިފައިގައި އެންމެ ގިނަ ފޮލޯވަރުން ތިބި އާޓިސްޓްގެ ގޮތުގައި ޓޭލަރ ސްވިފްޓް ފަހަނައަޅައި ދިޔުމުންނެވެ. އަރިޖިތްގެ މެލޭޝިޔާ ކޮންސަޓްގެ ޓިކެޓްތަކުގެ ޕްރީ-ސޭލް ސެޕްޓެމްބަރ 3 ވަނަ ދުވަހު ފެށޭނެކަމަށް ބެލެވެއެވެ.