އިންތިހާއަށް ދަރަނިވެރިވެ ބަނގުރޫޓުވަމުންދާތީ ސަރުކާރުގެ ހުށަހެޅުމަކަށް އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް އަންނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ބަދަލުވާ ފެނަކައިގެ މިހާރުގެ ދަރަނިތައް އެކީއެކަށް ޚަލާޞް ކުރެވޭނީ 2027ވަނަ އަހަރުގައި ކަމަށް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފެނަކައިގައި މިހާރު 4.1 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތްއިރު، މިސަރުކާރު އައިއިރު ފެނަކައިގެ ދަރަނި އޮތީ 4.3 ބިލިއަން ރުފިޔާގައެވެ.
ފެނަކަ އެމްޑީ މުއާޒު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ފެނަކައިގެ ދަރަނީގެ ތެރެއިން 800މިލިއަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށާއި އޭގެތެރޭގައި އެސްޓީއޯއާއި އަމިއްލަ ފަރާތްތައް ހިމެނޭ ކަމަށެވެ. އަތޮޅުތަކުގެ ކުންފުނިތައްވެސް އޭގެތެރޭގައި ހިމެނޭ ކަމަށް މުއާޒު ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ، ފެނަކައިން އަމިއްލަ ފަރާތެއްގެ ފިހާރައަކަށް 27.6 މިލިޔަން ރުފިޔާ ދައްކަން ޖެހި، ނުދައްކާ އޮތުމުން ފެނަކައާ ދެކޮޅަށް އެ ފިހާރައިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބާކީ ދައްކަން ޖެހިފައިވާ 5.3 މިލިޔަން ދިނުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން މިމަހުގެ 22 ވަނަ ދުވަހު ހުކުމް ކުރިއެވެ. މިނޫނަސް މިގޮތަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ދަރަނިތައް ހުރިއިރު އިތުރު ފަރާތްތަކުންވެސް ފެނަކައާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައި ވެއެވެ.



