މާލޭގައި އިއްޔެ ހިނގި ނުރައްކާތެރި ރަހީނު ހިފުމުގެ ހާދިސާއާ ގުޅިގެން ދާޚިލީ ވަޒީރު އަލީ އިހުސާން ފުލުހުންގެ މަސައްކަތަށް ތަޢުރީފުކުރައްވައިފިއެވެ. މި ހާދިސާގައި ށ. މިލަންދޫ، ހެޕީލޭންޑް، އަހުމަދު އަތުހަރު ނަމަކަށް ކިޔާ މީހަކު އަންހެނަކު ރަހީނުކޮށްގެން ހުއްޓައި ފުލުހުން ވަނީ އޭނާ މިހާރު ހައްޔަރުކޮށްފައެވެ.
ހާދިސާ ހިނގި ވަގުތު، އަހުމަދު އަތުހަރު އަންހެން މީހާގެ ކަރުގައި ވަޅި އަޅުވައިގެން ސައިކަލުގެ ފަހަތުގައި ތިބި މަންޒަރު ވީޑިއޯ ފުޓޭޖުން ފެންނަން ހުއްޓެވެ. ފުލުހުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ބާރުގެ ބޭނުންކޮށް އޭނާ ހައްޔަރުކުރިއެވެ.
މި ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން ފުލުހުންގެ ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ދާޚިލީ ވަޒީރު އަލީ އިހުސާން އިޖުތިމާޢީ މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފުލުހުންގެ މަސައްކަތަށް ތަޢުރީފުކުރައްވައި، އަންހެނާ ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ފުލުހުންގެ ޢަމަލުތަކާ ގުޅޭގޮތުން އިންޓަރނަލް ތަޙުޤީޤެއް ކުރިއަށްދާކަމަށް ބުނާ ރިޕޯޓުތައް ވަޒީރު ދޮގުކުރެއްވިއެވެ.
"އެކަމަށްޓަކައި ފުލުހުންނަށް ސާބަސް ދަންނަވަން. ފުލުހުން ބާރުގެ ބޭނުން ކުރިގޮތް ތަހުގީގު ކުރަން އަންގާފައި ނުވާނެ" ވަޒީރު ވިދާޅުވިއެވެ.
ހައްޔަރުކުރެވުނު އަހުމަދު އަތުހަރަކީ ކުރިން ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ފަރާތެކެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ އިޚްތިޔާރުގެ ދަށުން މަޢާފުދެވި، ދޫކޮށްލެވިފައިވާ ފަރާތެކެވެ.



