ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހިފައިވާ ދަރަނީގެތެރެއިން މިހާތަނަށް 800 މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުޢާޒު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މުޢާޒު ވިދާޅުވިގޮތުގައި މިސަރުކާރު އައިއިރު ފެނަކައިގައި 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތެވެ. މީގެތެރޭގައި އެސްޓީއޯއަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާއާއި އަމިއްލަ ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާވެސް ހިމެނެއެވެ. ދަރަނި އަދާކުރުމުގައި ހާއްސަ އިސްކަމެއް ދިނީ ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށްކަމަށް މުޢާޒް ވިދާޅުވިއެވެ. އެގޮތުން 280އަށްވުރެ ގިނަ ފަރާތްތަކަށް މިހާރު ފައިސާ ދައްކާފައިވާ ކަމަށްވެސް މުޢާޒު ވަނީ ވިދާޅުވިއެވެ.
"ޚާއްސަކޮށް އިސްކަމެއް މިދިނީ ރަށްރަށުގައި ތިބި ކުދި ކުދި ވެންޑަރުންނަށް ފައިސާ ދައްކަން، އޭގެތެރޭގައި އެބަ ހިމެނޭ ނާލު ބޯޓު ފަހަރާއި، ކެއުންބުއިމަށް ހިދުމަތްދޭ ބައެއް ތަންތަން. ކުރީގެ މެނޭޖްމަންޓުންކޮށްފައި ހުރި ޚަރަދުތަކުގެތެރެއިން ފައިސާ ނުދައްކާހުރި ޚަރަދުތައް،" ފެނަކަ އެމްޑީ މުއާޒު ވިދާޅުވިއެވެ.
މުޢާޒު އިތުރަށް ވިދާޅުވީ، ދަރަނި އަދާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަދިވެސް 4.1 ބިލިއަން ރުފިޔާގެ ދަރަނި ހުރިކަމަށެވެ. އަދި މިހާރު ހުރި ހުރިހާ ދަރަންޏެއް ދައްކާ ނިންމޭނެ ކަމަށް ލަފާކުރެވެނީ 2027ވަނަ އަހަރުގެތެރޭގައި ކަމަށްވެސް ވަނީ ވިދާޅުވިއެވެ.
މީގެއިތުރުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހުރިހާ ހިއްސާއެއް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އިން ގަނެ މިއަހަރުގެ ނިޔަލަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ބަދަލުގެ ސަބަބުން ފެނަކައިން ތެލަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވި، ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެމުންދާ ޚިދުމަތް ނުހުއްޓި ދެވޭނެ ކަމަށް މުޢާޒު ވިދާޅުވިއެވެ.



