ބަހްރައިނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިއެވެ. އީރާނުގެ އަސްކަރިއްޔާއިން "ތަންޑަރބޯލްޓް" އޮޕަރޭޝަންގެ ދަށުން ދިން މި ހަމަލާ އަމާޒުކޮށްފައި ވަނީ ބަހްރައިނުގައި ހުންނަ އެމެރިކާގެ އެންމެ މުހިންމު އެއް ވައިގެ ބޭސް ކަމަށްވާ ޝެއިޚް އީސާ އެއާ ބޭސް އަށެވެ.
ޖާނުންފިދާވާ ކާމިކާޒޭ ޑްރޯންތައް ބޭނުންކޮށްގެން ދިން މި ހަމަލާގައި އެ ބޭހުގެ ރާޑަރު ސިސްޓަމްތަކަށާއި އެމެރިކާ ސިފައިން އެއްވެ ތިބޭ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. އީރާނުން ހާމަކުރި ގޮތުގައި މި ހަމަލާއަކީ އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުންނާއި، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދަން އެމެރިކާއިން ކުރާ މަސައްކަތާ ދެކޮޅަށް ދިން ރައްދު ހަމަލާއެކެވެ.
މި ހަމަލާއާ ގުޅިގެން ބަހްރައިނުގައި ނުރައްކަލުގެ އިންޒާރުދޭ ސައިރަން އަޅާފައިވާއިރު، އެ ގައުމުގެ ދިފާއީ ބާރުތަކުން ވަނީ ބައެއް ހަމަލާތައް ވައިގެ ތެރޭގައި ނާކާމިޔާބުވެސް ކޮށްލާފައެވެ.
މިއީ މިއަހަރުގެ ކުރީކޮޅު ބަހްރައިނުގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓްގެ މައި މަރުކަޒަށް އީރާނުން ދިން ހަމަލާތަކަށްފަހު، އެމެރިކާގެ ފެސިލިޓީއަކަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.







