ކުރަންޖެހޭ މަސައްކަތްތައް ގިނަވާނެތީ، ގެއްލިގެން ހޯދާ މީހުންގެ މައްސަލަތައް ތަހުގީގުނުކޮށް ނިންމާލައި ފައިލްކުރި ކަމަށް އެއްބަސްވި ސައުތު ކޮރެއާގެ ފުލުހަކު ހައްޔަރުކޮށްފިއެވެ.
ޖެޖޫ އައިލެންޑުގައި މަސައްކަތްކުރާ 'ބޫ' ނަމަކަށް ކިޔާ މި ފުލުސް އޮފީސަރު ހައްޔަރުކުރީ ރަސްމީ ލިޔެކިޔުންތަކާއި އިލެކްޓްރޯނިކް ރެކޯޑުތައް ފޯޖުކޮށް، މަސްއޫލިއްޔަތަށް އިހުމާލުވި މައްސަލައިގައެވެ.
އޭނާ ވަނީ ދެ މައްސަލައެއްގައި، ގެއްލިގެން ހޯދަމުން ދިޔަ މީހުންނާ ވާހަކަ ދެކެވުނު ކަމަށާއި، އެމީހުން ފުލުހުންނާ އެއްވެސް މުއާމަލާތެއް ކުރަން ބޭނުންނުވާ ކަމަށް ބުނެ ދޮގު ހަދައި މައްސަލަތައް ނިންމާލާފައެވެ. މީގެ ތެރެއިން މޭ މަހު ގެއްލުނު 37 އަހަރުގެ ޖަންގް މި-ރާން އާއި ޖުލައި މަހު ގެއްލުނު 60 އަހަރުގެ ފިރިހެނަކު ފަހުން ވަނީ މަރުވެފައިވަނިކޮށް ފެނިފައެވެ.
މީގެ އިތުރުންވެސް، ގެއްލިގެން ހޯދާ މީހުންގެ މައްސަލަތަކުގެ ތެރެއިން ބޫ ނިންމާލާފައިވާ އިތުރު 25 މައްސަލައެއް ފުލުހުން މިހާރު އަންނަނީ އަލުން ތަހުގީގުކުރަމުންނެވެ.
މި މައްސަލައާއެކު ސައުތު ކޮރެއާގެ ފުލުހުންނަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެގައުމުގެ ރައީސް ލީ ޖައި މިއުންގް ވަނީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް ގޮވާލައްވާފައެވެ.
ސައުތު ކޮރެއާގައި އަހަރަކު 70،000 އަށްވުރެ ގިނަ މީހުން ގެއްލިގެން ރިޕޯޓުކުރާއިރު، އޭގެ ތެރެއިން 99 އިންސައްތަ މައްސަލަ މަސްދުވަހުގެ ތެރޭގައި ހައްލުކުރެވޭ ކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ.



